ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ މުހިންމުކަމަށް ހުކުރު ޚުޠުބާގައި އަލިއަޅުވާލައިފި

މާތް ﷲ ދެއްވާފައިވާ ގުނައި ޢަދަދުނުކުރެވޭހައި ގިނަގުނަ ނިޢުމަތްތައް ދެމިއޮތުމާއި ނެތިދިއުން ބިނާވެފައިވަނީ އެ ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ މައްޗަށް ކަމަށް މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ މުހިންމުކަން" މި މައުޟޫޢަށް ޚާއްޞަކޮށްގެން އިއްވި ޚުޠުބާގައި ބުނީ، މީސްތަކުންގެ ހެޔޮ ފޯރުވުންތަކަށް ޝުކުރުއަދާކުރުމަކީ ވެސް އިސްލާމީ ތަރުބިޔަތުގައި ނުހަނު ބޮޑު އަހައްމިއްޔަތެއް ދީފައިވާ ކަމެއް ކަމަށެވެ. "މީސްތަކުންނަށް ޝުކުރުވެރިނުވާ މީހާ، މާތް ﷲއަށް ޝުކުރުވެރިއެއް ނުވެއެވެ" ކަމަށް ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައިވާކަން ވެސް ޚުޠުބާގައި ހަނދާންކޮށްދިނެވެ.

ހެޔޮކަމެއް ކޮށްދިން މީހާއަށް "ޖަޒާކަﷲ ޚައިރަން" ބުނުމަކީ ޝުކުރުވެރިވުމުގެ އެންމެ މަތީ ދަރަޖަ ކަމަށާއި، މައިންބަފައިންނަށް ޝުކުރުވެރިވުމަށް މާތް ﷲ އަމުރުކުރައްވާފައިވާކަން ވެސް ޚުޠުބާގައި ފާހަގަކުރިއެވެ.

ޚުޠުބާގައި ބަޔާންކުރި ގޮތުގައި، މާތް ﷲގެ ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ އެކަލާނގެ ފަޟްލުވަންތަކަމަށް އިޢުތިރާފުވެ، އެ ނިޢުމަތްތައް އެކަލާނގެ ރުހިވޮޑިގަންނަވާ ގޮތުގައި ބޭނުންކުރުމެވެ. އެއީ މާތް ﷲގެ ލޯތްބާއި ރުހިވޮޑިގަތުން ލިބޭ މަތިވެރި އަޅުކަމެއް ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.

އިބްރާހީމް ޢަލައިހިއްސަލާމް، ސުލައިމާން ޢަލައިހިއްސަލާމް އަދި މޫސާ ޢަލައިހިއްސަލާމްގެ ޙަޔާތްޕުޅުން ކީރިތި ޤުރުއާނުގައި ބަޔާންވެފައިވާ މިސާލުތަކާއި، ޚަދީޖާ ރަޟިޔަﷲ ޢަންހާގެ ހެޔޮފުޅުކަން ކީރިތި ރަސޫލާ ހަނދުމަފުޅުކުރެއްވި ގޮތް ވެސް ޚުޠުބާގައި ބަޔާންކުރިއެވެ.

އަދި އެންމެހައި ނިޢުމަތްތަކަށް އަބަދުވެސް ޝުކުރުވެރިވުމަށް ހުރިހާ މުސްލިމުންނަށް ޚުޠުބާގައި ވަނީ ގޮވާލާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް