ކުރިން އެންގުމަކާ ނުލައި އެއްވުމަށް ހުއްދަކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަނަކަށް އެއް ނުވުމަށާއި، މިރޭ މާލޭގައި ބޭއްވުމަށް ރާވަމުންދާ އެއްވުން ޤާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެ އެއްވުން އިންތިޒާމުކުރާ ފަރާތްތަކަށް އަންގައިފިއެވެ.
ފުލުހުން މިކަން ހާމަކޮށްފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. މިފަދަ އެއްވުންތަކުގެ ސަބަބުން މަގުމަތީގެ އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ދަތިތަކާ ކުރިމަތިލާން ޖެހޭކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ފުލުހުން ބުނީ، އެއްވުމުގައި ބައިވެރިވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ނުވަތަ ދަތުރުފަތުރަށް ދިމާވެދާނެ ދަތިތަކާ ގުޅޭ އެއްވެސް މަޢުލޫމާތެއް މިހާތަނަށް އެއްވެސް ފަރާތަކުން ފުލުހުންނާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.
މީގެ އިތުރުން، އެއްވުމުގެ ތެރޭގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހިންގާ އެންމެހައި ޢަމަލުތައް ވަގުތުން ހުއްޓުވައި، އެފަދަ ކަންކަމާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
މި އެއްވުން ބާއްވަނީ ރަސްމާލޭގެ މަޝްރޫޢު އީގަލް ހިލްސްއަށް ދިނުމާ ދެކޮޅަށެވެ. އެ މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން އިދިކޮޅު އެމްޑީޕީން ގޮވާލާފައިވީ ނަމަވެސް، އެފަދަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.





