އީރާނާ ދެކޮޅަށް އަސްކަރީ ހަރަކާތްތައް އަލުން ފެށުމާ ގުޅޭ ގޮތުން ދެ ޤައުމުގެ މެދުގައި ހިޔާލުތަފާތުވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފުތާ ބަންދުގައި ކުރެއްވި ފޯނު ކޯލެއްގައި ހޫނު ޒުވާބެއް ކުރައްވާފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުން ހާމަކޮށްފިއެވެ.
މި ރިޕޯޓުތައް ނަތަންޔާހޫގެ އޮފީހުން ވަނީ ދޮގުކޮށްފައެވެ. އެ އޮފީހުން ބުނީ، މިއީ އެއްވެސް އަސާސެއް ނެތް ދޮގު ޚަބަރުތަކެއް ކަމަށެވެ.
ފޯނު ކޯލުގެ މައުލޫމާތު އެނގޭ މަސްދަރުތަކާ ހަވާލާދީ އިސްރާއީލުގެ "ޔެދިއޯތު އަހްރޮނޯތު" އިން ބުނީ، ކޯލުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވުނީ އީރާނާއި، ހަނގުރާމަ އަލުން ފެށުމާ މެދު ދެ ޤައުމުގެ މެދުގައި ހުރި ހިޔާލުތަފާތުވުންތަކާ ބެހޭ ގޮތުން ކަމަށެވެ. އެ މަސްދަރުތަކުގެ ތެރެއިން އެކަކު ވަނީ އެއީ ހަޅޭއްލެވުންތަކެއް ހިމެނޭ ޒުވާބެއް ކަމަށް ސިފަކޮށްފައެވެ.
އިސްރާއީލުގެ އިސް އޮފިޝަލަކު ވަނީ މިދިޔަ ހަފުތާ ބަންދުގައި ދެ ލީޑަރުން ފޯނުން ވާހަކަދެއްކެވިކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އޭނާ ބުނީ، އެއީ ޒުވާބުކުރި ނުވަތަ އުނދަގޫ މަޝްވަރާއެއް ނޫން ކަމަށެވެ.
އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަށް ބާރުއަޅަމުން ނަތަންޔާހޫ ގާތްގަނޑަކަށް ކޮންމެ ދުވަހަކު ޓްރަމްޕަށް ގުޅަމުން ގެންދާ ކަމަށް ރިޕޯޓުތަކުގައި ބުނެއެވެ. އެހެން ނަމަވެސް، ޓްރަމްޕް ވަނީ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ކުރިއެރުންތަކެއް ލިބެމުންދާއިރު، މި ވަގުތު އީރާނަށް އަލުން އަސްކަރީ ހަމަލާތަކެއް ދިނުމަކީ ނުވުން ގާތް ކަމެއް ކަމަށް ވިދާޅުވެފައެވެ.





