ކޮޕް31 ގެ ހަވާސާގައި ރައީސް، ޔޫއެންޑީޕީގެ އެޑްމިނިސްޓްރޭޓަރާ ބައްދަލުކުރައްވައިފި

ތުރުކީގެ އަންތާލިޔާގައި ކުރިއަށްދާ ކޮޕް31 ސަމިޓުގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އދ. ގެ ތަރައްޤީއާ ބެހޭ ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ އެޑްމިނިސްޓްރޭޓަރު އެލެގްޒެންޑަރ ޑި ކްރޫއާ ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ދެމެހެއްޓެނިވި ތަރައްޤީއާއި، މޫސުމީ ވިލުންތެރިކަން އިތުރުކުރުމާއި، ކުރިމަގުގައި ދެފަރާތުން ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ކަމަށެވެ.

ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ޔޫއެންޑީޕީން ރާއްޖެއަށް ޒަމާނުއްސުރެ ދެމުންގެންދާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.

އަދި ދެފަރާތުން ހިއްސާކުރާ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކޮށް، ދިވެހި ރައްޔިތުންނަށް ދެމެހެއްޓެނިވި ފައިދާތަކެއް ހޯދައިދިނުމަށްޓަކައި ޔޫއެންޑީޕީއާއެކު ގުޅުން އިތުރަށް ބަދަހިކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ދެފަރާތް ގުޅިގެން މެދުކެނޑުމެއްނެތި މަސައްކަތްކުރުމުގެ މުހިންމުކަން ވެސް ދެބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް