ފަލަސްތީނަށް އިންސާފާއި ސުލްހަ ލިބެންދެން ރާއްޖެ އެ ރައްޔިތުންނާއެކު ދެމިއޮންނާނެ: ރައީސް

ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފާއި މިނިވަންކަމާއި ދެމެހެއްޓެނިވި ސުލްހަ ހާސިލުވަންދެން ދިވެހިރާއްޖެ އެ ރައްޔިތުންނާއެކު ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ކޮޕް31 ސަމިޓުގެ ހަވާސާގައި ފަލަސްތީނުގެ ބޮޑުވަޒީރު ޑރ. މުޙައްމަދު މުސްތަފާއާ މިއަދު ބައްދަލުކުރެއްވުމުގައެވެ.

ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެ އެއްވެސް ޝަރުތަކާ ނުލައި ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އެ ރައްޔިތުންނަކީ ދުވަހަކުވެސް އެކަނިވެރިވާނެ ބައެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ފަލަސްތީނުގެ ރައްޔިތުން މިނިވަންކަމާއި ކަރާމާތާއި އިންސާފާއި އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުމުގެ ޙައްޤަށްޓަކައި ކުރަމުންދާ ޖިހާދަށް ރާއްޖެއިން ފުރިހަމަ ތާއީދު ދެމުންދާކަން ތަކުރާރުކުރެއްވި ރައީސް، މި ތާއީދަކީ ދިވެހިންގެ ޤައުމީ އަސާސްތަކާއި، އިންސާފާއި އިންސާނިއްޔަތަށްޓަކައި ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅެމުން އަންނަ އިލްތިޒާމުގެ ރަމްޒެއް ކަމަށް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައިވާ، މިނިވަން މުސްތަޤިއްލު ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމުގެ ޙައްޤު ހިމެނޭ ގޮތުން، ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ ނިގުޅައިނުގަނެވޭނެ ޙައްޤުތަކަށް ރާއްޖެއިން ސާބިތުކަމާއެކު ވަކާލާތުކުރާނެ ކަމަށްވެސް ރައީސް ތަކުރާރުކުރެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް