ޖެންސެން ހުއާންގް އިސްތިއުފާ ދެއްވުމުން، އެންވީޑިއާގެ ވަގުތީ ސީއީއޯއަކަށް ކޮލެޓް ކްރެސް އައްޔަންކޮށްފި

ދުނިޔޭގެ އެންމެ ބޮޑު ޓެކް ކުންފުނިތަކުގެ ތެރެއިން އެއް ކުންފުނި ކަމަށްވާ އެންވީޑިއާގެ ސީއީއޯ ޖެންސެން ހުއާންގް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ކުންފުނީގެ ވަގުތީ ސީއީއޯގެ މަގާމަށް ޗީފް ފައިނޭންޝަލް އޮފިސަރު ކޮލެޓް ކްރެސް އައްޔަންކޮށްފިއެވެ.

ހުއާންގް މަގާމުން އިސްތިއުފާ ދެއްވާފައިވަނީ، ސިންގަޕޫރުގެ ޑޭޓާ ސެންޓަރު ކުންފުންޏެއް ކަމަށްވާ "މެގަސްޕީޑް" ގެ އިސްވެރިއެއް ކަމަށްވާ އެލިސް ހުއާންގްއާއެކު ސިއްރު ލޯބީގެ ގުޅުމެއް ބޭއްވި ކަމުގެ ހަބަރު ފެތުރި، ބޮޑު ފާޑުކިޔުމަކާ ކުރިމަތިވެފައި ވަނިކޮށެވެ. އެލިސް ހުއާންގްއަކީ ޗައިނާއަށް ޖާސޫސްކޮށްދޭ މީހެއް ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ތުހުމަތުކުރެއެވެ.

މީގެ އިތުރުން، އެންވީޑިއާގެ ހެލްތުކެއާ ބައިގެ ވައިސް ޕްރެޒިޑެންޓް ކިމްބަލީ ޕަވެލްއާއެކު ވެސް ހުއާންގް ކައިވެންޏުން ބޭރުން ގުޅުމެއް ބޭއްވި ކަމަށް ނިއުޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފައިވެއެވެ.

މި މައްސަލަތައް ބެލުމަށް އެންވީޑިއާގެ ބޯޑުން މީގެ ކުރިން ތަހުގީގެއް ފަށާފައިވާއިރު، ހުއާންގް އިސްތިއުފާ ދެއްވިކަން ހާމަކޮށް ބޯޑުން ނެރުނު ބަޔާނުގައި އޭނާ ވަކިވެވަޑައިގަތް ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

ހުއާންގްއަކީ އެންވީޑިއާ އުފެއްދި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ. ތިރީސް އަހަރަށްވުރެ ގިނަ ދުވަހު އޭނާ ވަނީ އެ ކުންފުނީގެ ސީއީއޯގެ މަގާމުގައި ހުންނަވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް