ދުނިޔޭގެ މާލީ ނިޒާމުގެ އުނިކަންކަމުން ރާއްޖެ ފަދަ ޤައުމުތަކަށް ބޮޑެތި ދަރަނި ނަގަން ޖެހެނީ: ރައީސް

ބައިނަލްއަގުވާމީ މާލީ އޮނިގަނޑުގައި ހުރި އުނިކަންކަމުގެ ސަބަބުން، ރައްޔިތުންނާއި ރަށްތައް ހިމާޔަތްކުރުމަށްޓަކައި ރާއްޖެ ފަދަ ޤައުމުތަކަށް ބޮޑެތި ދަރަނިތައް ނަގަން މަޖުބޫރުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ތުރުކީގެ އަންތާލިޔާގައި ކުރިއަށްދާ ކޮޕް31 ގެ ހަވާސާގައި، "ޕެރިސް އެގްރީމަންޓުގެ ދެވަނަ ދަހަރު: މާލީ އެހީތެރިކަން ހޯދުމާއި ތަންފީޒުކުރުން އަވަސްކުރުން" މި މައުޟޫއަށް ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ދުނިޔޭގެ ލީޑަރުން ހަމައެކަނި ވައުދުތަކަކުން ނުފުދޭނެ ކަމަށާއި، ތާރީޚު އެބޭފުޅުންގެ މައްޗަށް ހުކުމްކުރާނީ އަމަލީ ގޮތުން ދައްކުވައިދޭ ނަތީޖާތަކުން ކަމަށް ރައީސް ވިދާޅުވިއެވެ. ޕެރިސް އެގްރީމަންޓު ތަންފީޒުކުރުމުގައި ޤައުމުތަކުން ސާބިތުކަމާއެކު ދެމިތިބުމަށްވެސް ރައީސް ގޮވާލެއްވިއެވެ.

ރާއްޖެއިން އެތައް އަހަރެއް ވަންދެން މާލީ އެހީ ލިބޭނެ ފަދަ މަޝްރޫޢުތަކަށް މަސައްކަތްކޮށް، ތަރައްގީގެ ރޭވުންތަކުގައި މޫސުމީ ވިލުންތެރިކަން ހިމަނައި، ބައިނަލްއަގުވާމީ ފެންވަރުގައި ވަކާލާތުކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރާ އަސަރުތަކަކީ ސާފުކޮށް ފެންނަން އޮތް ހަގީގަތެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މޫސުމީ ފަންޑުތަކަކީ ފަސޭހައިން ލިބޭ، ނާޒުކު ޤައުމުތަކުގެ ހަގީގީ ހާލަތަށް ރިއާޔަތްކުރާ ފަންޑުތަކަކަށް ވާންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ކުދި ޖަޒީރާ ޤައުމުތަކަށް އަމާޒުކޮށްފައިވާ "އެންޓީގުއާ އެންޑް ބާބިއުޑާ އެޖެންޑާ"ގެ މުހިންމުކަމަށް އަލިއަޅުއްވާލައްވައި، މޫސުމީ ވައުދުތައް ތަންފީޒުކުރުން އަވަސްކުރުމަށް އެކުލަވާލާފައިވާ "ބްރިޖް" އިސްނެގުމަށް މަރުޙަބާ ވިދާޅުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް