ޣައްޒާގެ ޚާން ޔޫނިސްގައި ހުންނަ ނާސިރު ހޮސްޕިޓަލަށް އިސްރާއީލުން މިއަދު ފަތިހު ދިން ވައިގެ ހަމަލާއެއްގައި މަދުވެގެން ހަތަރު މީހުން ޝަހީދުވެ، 20 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެއެވެ.
ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަޙްމޫދު ބަސަލް ވިދާޅުވި ގޮތުގައި، މި ހަމަލާ ދީފައިވަނީ ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. ހަމަލާގެ ސަބަބުން ހޮސްޕިޓަލުގެ އޮޕަރޭޝަން ވޯޑުތަކާއި އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ނާސިރު ހޮސްޕިޓަލަކީ ދެކުނު ޣައްޒާގައި ހުރި އެންމެ ބޮޑު ސިއްހީ މަރުކަޒެވެ.
އިސްރާއީލުގެ ހަމަލާތައް ކުރިއަށް ދާއިރު، ފާއިތުވި ދުވަސްތަކުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ފޭލިގެތަކުގައި ދިރިއުޅެމުންދާ ހާސްތަކެއް އާއިލާއެއްގެ ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ.





