ހުކުމާ އެއްގޮތަށް ދަރަނި ދައްކައި ހަލާސްކުރާނެ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވެއްޖެ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި ލޯނަކަށް ފައިސާ ނުދައްކައިގެން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް، އެ ދަރަނި ދައްކައި ހަލާސްކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ޝަމްހީދު މިހެން ވިދާޅުވީ، ސިވިލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ކުރި ހުކުމާ ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ. އެމްއައިބީން ޑުޕްލެކްސް ކުންފުންޏަށް ދޫކުރި 500،000 ޑޮލަރުގެ "ސޭލް އެންޑް ލީސްބެކް ފެސިލިޓީ" އަށް އެއްބަސްވި ގޮތަށް ފައިސާ ނުދެއްކުމުން، ލޯނަށް ގެރެންޓީ ދިން ފަސް ފަރާތަކާ ދެކޮޅަށް ބޭންކުން ދައުވާކުރި މައްސަލާގައި، ޝަމްހީދު ހިމެނޭ ގޮތަށް އެ ފަސް ފަރާތުން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ބަޔާނުގައި ޝަމްހީދު ވިދާޅުވީ، ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑަކީ ކުރީގެ ރައްޓެހިންތަކަކާއެކު އޭނާ އުފެއްދެވި ކުންފުންޏެއް ކަމަށާއި، މި ލޯނު ނެގީ އެ ކުންފުނީގެ ބައެއް ހިއްސާދާރުންގެ އަމިއްލަ ބޭނުމަކަށް ކަމަށެވެ. ލޯނަށް އޭނާ ގެރެންޓީ ދެއްވީ އެ ބޭފުޅުންނަށް އެހީތެރިވުމުގެ ނިޔަތުގައި ކަމަށް ޝަމްހީދު ވިދާޅުވިއެވެ.

ކުންފުނިން ލޯނު ނުދައްކާކަން އެނގުނު ހިސާބުން ފެށިގެން ކުންފުނީގެ އިސްވެރިންނާ ވާހަކަދައްކަވައި، ލޯނު ދައްކަން ތަކުރާރުކޮށް އެދިވަޑައިގެންނެވި ކަމަށާއި، ނަމަވެސް އެ ފަރާތްތަކުން ފައިސާ ނުދައްކާތީ، އަމިއްލަ ހައިސިއްޔަތުން މިއަދާ ހަމައަށް ފައިސާ ދައްކަމުން ގެންދަވާ ކަމަށް ޝަމްހީދު ވިދާޅުވިއެވެ.

މައްސަލަ ކޯޓަށް ހުށަހެޅުމުންވެސް ކުންފުނި ހިންގަން ތިބި ފަރާތްތަކުން ކޯޓަށް ޖަވާބުދާރީ ނުވި ކަމަށާއި، ހުކުމް ކުރުމުގެ ކުރިން ކޯޓަށް ހާޒިރުވާން އޭނާއަށް އަންގާފައި ނުވާ ކަމަށާއި، މައްސަލަ ނިންމިކަން އެންގީ އީމެއިލް މެދުވެރިކޮށް ކަމަށްވެސް ޝަމްހީދު ވިދާޅުވިއެވެ.

ކުންފުނި ހިންގުމުގައި މިހާރު ތިބި މީހުން ވަނީ ސިޔާސީ ގޮތުން އޭނާއާ ވާދަކުރާ ކެންޑިޑޭޓަކަށް ތާއީދުކުރަން ނިންމާފައި ކަމަށް ފާހަގަކުރައްވައި، އަމިއްލަ މަސްލަހަތު ހުރި ކަންކަން ސިޔާސީ ކޮށްގެން އޭނާގެ އަބުރު ނަގާލަން ޖާގަ ނުދެއްވާނެ ކަމަށް ޝަމްހީދު ވިދާޅުވިއެވެ.

"މި ލޯނަކީ އަޅުގަނޑުގެ ބޭނުމަކަށް ނެގި ލޯނަކަށް ނުވި ނަމަވެސް ގާނޫނީ ގޮތުން އަޅުގަނޑާ މަތިކުރި މި ދަރަނި މާތް ﷲ ގެ ވާގިފުޅާއެކު ކޯޓުގެ ހުކުމާ އެއްގޮތަށް ދައްކައި ހަލާސް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ،" ޝަމްހީދު ވިދާޅުވިއެވެ.

ޝަމްހީދަކީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް