ބަނގުރާ ބޭނުންކޮށް، ގެންގުޅުނު ކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި، ކ. ތުލުސްދޫއަށް ނިސްބަތްވާ 19 އަހަރުގެ ފިރިހެނެއްގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި، ހައްޔަރުކުރި ޒުވާނާއަކީ އެމްއެންޑީއެފްގެ ޕްރައިވެޓެއް ކަމަށް އިންވެސްޓިގޭޝަން އޮފިސަރު ކޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޭނާ ބަނގުރާ ބޭނުންކޮށް ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ކޯޓަށް ހުށަހަޅާފައިވާ ކަމަށް އަމުރުގައިވިޔަސް، އެ ހެކީގެ ތަފުސީލެއް އަމުރުން ހާމައެއް ނުވެއެވެ.
ބަންދަށް ފަސް ދުވަސް ޖެހީ، މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާއެކު ކަމަށް ތުހުމަތުކުރެވޭ ޒުވާނާ ކޯޓުގައި ބުނުމުން ކަމަށް އަމުރުގައިވެއެވެ. އަދި އެ ޒުވާނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށްވެސް ކޯޓުން ބުނެފައިވެއެވެ.





