މަސްވެރިންގެ ދުވަހުގެ ކެއްކުމުގެ މުބާރާތް "ރަހަވަރު" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބާއްވާ ކެއްކުމުގެ މުބާރާތް "ރަހަވަރު" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ވުޒާރާއިން ބުނީ މި މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހެޅޭނީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ކަމަށެވެ. "ރަހަވަރު" ބާއްވާ ތިންވަނަ ފަހަރު ކަމަށްވާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހު ހުޅުމާލޭގައެވެ.

މި އަހަރުގެ މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ތައްޔާރުކުރަން ޖެހެނީ ބޯވަދިލަމަހުން ތައްޔާރުކުރާ ސްޓާޓަރެއް އަދި ކުރުމަހުން ތައްޔާރުކުރާ މެއިން ކޯހެކެވެ.

މުބާރާތުން އެއްވަނަ ހޯދާ ޓީމަށް 15،000 ރުފިޔާ، ދެވަނައަށް 10،000 ރުފިޔާ އަދި ތިންވަނައަށް 7،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންނާއި ކެއްކުމުގެ ދާއިރާއަށް އަލަށް ނުކުންނަ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދީ، މަސްވެރިކަމުގެ ސިނާޢަތް ފުޅާކޮށް، ކާބޯތަކެތީގެ ރައްކާތެރިކަމަށް އެ ދާއިރާއިން ހިއްސާކުރާ މިންވަރު ފާހަގަކުރުމެވެ.

މުބާރާތުގައި ބައިވެރިވާނީ ފޯމު މެދުވެރިކޮށް ކަމަށްވާއިރު، މުބާރާތުގެ ގަވާއިދާއި އިތުރު މައުލޫމާތު ވުޒާރާއިން ހާމަކޮށްފައިވާ ލިންކުން ލިބެން ހުންނާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް