ކަނޑަށް އުކާލާ ކުނީގެ ސަބަބުން ފަރުތަކަށާއި ކަނޑުގެ ދިރުންތަކަށް ނޭދެވޭ އަސަރުތަކެއް ކުރޭ: މެޑަމް ސާޖިދާ

ކަނޑަށް އުކާލާ ކުންޏަކީ އަމިއްލައަށް ނެތިގެންދާ އެއްޗެއް ނޫން ކަމަށާއި، އޭގެ ސަބަބުން ފަރުތަކަށާއި ކަނޑުގެ ދިރުންތަކަށާއި ކާނާގެ ނިޒާމަށް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ތުރުކީވިލާތުގެ އަންތާލިޔާގައި، ތުރުކީގެ ފަސްޓް ލޭޑީ އެމިނޭ އުރުދުޣާންގެ ދައުވަތަކަށް ބޭއްވި "ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގެ މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިންގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުން ބޭއްވީ، ކޮޕް31 ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރޭގައެވެ.

ކުނި އުފެދޭ އަސްލުން ފެށިގެން އެ މައްސަލަ ހައްލުކޮށް، އުފެއްދުންތެރިންގެ ޒިންމާދާރުކަން އިތުރުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމަކީ ކަނޑުގެ މާހައުލު ހިމާޔަތްކުރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވި ގޮތުގައި، އެހެން ގައުމުތަކުގައި އުފައްދައި، ބަންދުކޮށް އެކްސްޕޯޓްކުރާ ތަކެތީގެ ކުނީގެ ބުރަ އުފުލަން ޖެހެނީ ރާއްޖެ ފަދަ މުދާ އެތެރެކުރުމަށް ބަރޯސާވާ ގައުމުތަކަށެވެ. އެހެންކަމުން، މުދާ ވިއްކުމާ ހަމައިން އުފެއްދުންތެރިންގެ ޒިންމާ ނިމިގެން ނުވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އުފެއްދުންތެރިންގެ ޒިންމާ އިތުރުކުރުމަށާއި، ތިމާވެއްޓާ ރައްޓެހި ގޮތްތަކުގައި ތަކެތި ބަންދުކުރުމަށާއި، އާ ޓެކްނޮލޮޖީ ބޭނުންކުރުމަށް މެޑަމް ސާޖިދާ ގޮވާލެއްވިއެވެ. އަދި ސާކިއުލަރ އިކޮނޮމީއަކަށް ބަދަލުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެހުމުގެ މުހިންމުކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ކުނި މެނޭޖުކުރުމުގެ ދާއިރާއިން ރާއްޖޭގައި އަޅާފައިވާ ގާނޫނީ ފިޔަވަޅުތަކުގެ ތެރެއިން، ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޯގަސްޓް މަހު ތަސްދީގުކުރެއްވި ކުނި މެނޭޖުކުރުމުގެ ގާނޫނަށް ގެނައި އިސްލާހުތައް މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ. އެ އިސްލާހުތަކުގެ ދަށުން ގަވާއިދާ ހިލާފަށް ރާއްޖެއަށް ކުނި އެތެރެކުރުން މަނާކޮށް، ނުރައްކާތެރި ކުނީގެ ވިޔަފާރިކުރާ ފަރާތްތަކަށް ހަރުކަށި އަދަބުތައް ވަނީ ކަނޑައަޅާފައެވެ.

ދެމެހެއްޓެނިވި ބަދަލު ފެށެނީ ގޭތެރެއިން ކަމަށާއި، އެކަން ހަރުދަނާވަނީ ސްކޫލްތަކުން ކަމަށާއި، ފުޅާވެގެންދަނީ މުޅި މުޖުތަމައުގެ ތެރެއިން ކަމަށް ވިދާޅުވި މެޑަމް ސާޖިދާ، ސާފު ދުނިޔެއެއް ބިނާކުރުމަށް ކުޑަކުދިން ބާރުވެރިކުރުވުމަކީ މުހިންމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވަނީ "ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ރަސްމީކޮށް އިފްތިތާހުކޮށްފައެވެ. 2017 ވަނަ އަހަރު އެމިނޭ އުރުދުޣާންގެ އިސްނެންގެވުމުގެ ދަށުން ފެށި "ޒީރޯ ވޭސްޓް މޫވްމަންޓް" ގެ މައްޗަށް ބިނާކޮށް އެކުލަވާލި މި އެލަޔަންސްގެ އަމާޒުތަކަށް ރާއްޖެއިން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން މެޑަމް ސާޖިދާ ދެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް