9/11 ހަމަލާ

އެމެރިކާއަށް ސެޕްޓެމްބަރު 11، 2001 ގައި ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާތަކުގެ ކުރިން، އަލް ގާއިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިންއާއި އެ ޖަމާއަތުގެ ހަރާތްތަކާ ގުޅޭގޮތުން އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ) އިން އެއްކޮށްފައިވާ ގިނަ އަދަދެއްގެ ސިއްރު ލިޔެކިޔުންތަކެއް އާންމުކޮށްފިއެވެ.

މިއީ ހަމަލާގެ ކުރިން ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތުތަކާ ގުޅޭގޮތުން އާންމުކުރި އެންމެ ތަފްސީލީ ރިޕޯޓުތަކެވެ.

އާންމުކުރި ޑޮކިއުމަންޓުތަކުގެ ތެރޭގައި 1990 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ސީއައިއޭއިން ތައްޔާރުކޮށްފައިވާ ސިއްރު މެމޯތަކާއި، ރައީސަށް ދުވަހުން ދުވަހަށް އަރުވާ އިންޓެލިޖެންސް ބްރީފިންގތަކުގެ އިތުރުން ސޫދާނާއި އަފްގާނިސްތާނުގައި ބިން ލާދިން އުޅުނު ދުވަސްވަރު އޭނާގެ ހަރަކާތްތައް މޮނިޓަރުކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓުތައް ހިމެނެއެވެ. މީގެ ތެރޭގައި އެމެރިކާގެ ބިމުގައި އަލް ގާއިދާއިން ހަމަލާއެއް ދީފާނެ ކަމަށް ބުނެ 2001 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ތައްޔާރުކުރި އިންޒާރުގެ މެމޯތައްވެސް ހިމެނެއެވެ.

މި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، 9/11 ގެ ހަމަލާގެ ކުރިންވެސް އަލް ގާއިދާއިން އެމެރިކާގެ މަދަނީ ވައިގެ އުޅަނދުފަހަރު ބޭނުންކޮށްގެން ހަމަލާއެއް ދީފާނެ ކަމުގެ ނިޝާންތަކެއް ސީއައިއޭގެ ރާޑަރަށް އަރާފައިވެއެވެ. ނަމަވެސް އެކި އިންޓެލިޖެންސް އިދާރާތަކުގެ މެދުގައި މައުލޫމާތު ހިއްސާކުރުމުގައި ހުރި ހުރަސްތަކާއި، ހަމަލާ ދޭނެ ސީދާ ވަގުތާއި ތަން ކަށަވަރުނުކުރެވުމުގެ ސަބަބުން، ހަމަލާ ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެއިރު އެޅިފައެއް ނުވެއެވެ.

ސީއައިއޭއިން ބުނި ގޮތުގައި މި ލިޔެކިޔުންތައް އާންމުކުރުމުގެ މައިގަނޑު މަގުސަދަކީ ތާރީޚީ ހަގީގަތްތައް ސާފުކޮށްދިނުމާއި، އެމެރިކާގެ ތާރީޚުގައި ދެވުނު އެންމެ ނުރައްކާތެރި ޓެރެރިސްޓް ހަމަލާގެ ކުރިން ކަންކަން ހިނގާދިޔަ ގޮތް އާންމުންނަށާއި މުހައްލިލުންނަށް ވަޒަންކުރެވޭނެ މަގު ފަހިކޮށްދިނުމެވެ. މި ޑޮކިއުމަންޓުތަކާއެކު، އިންޓެލިޖެންސް އިދާރާތަކުގެ ނުކުޅެދުންތެރިކަމާއި، އެ ދުވަސްވަރު އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ސިޔާސަތުތައް ރޭވިފައި ހުރި ގޮތުގެ އިތުރު ތަފްސީލުތައް ސާފުވެގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް