ޕެސިފިކް ކަނޑުގެ ފިނިހޫނުމިން އާދާޔާ ހިލާފަށް މައްޗަށް ދިއުމުގެ ސަބަބުން އުފެދެމުންދާ "ސުޕަސައިޒްޑް" ނުވަތަ އާދަޔާ ހިލާފަށް ބޮޑު އެލް ނީނޯ މޫސުމީ ނިޒާމުގެ އަސަރު މުޅި ދުނިޔެއަށް ފޯރާނެ ކަމަށް ބުނެ، އެކަމަށް ތައްޔާރުވުމަށް އދ. ގެ މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަނުން (ޑަބްލިއުއެމްއޯ) އިންޒާރު ދީފިއެވެ.
ސައިންސްވެރިންނާއި މޫސުމާ ބެހޭ ތަޖުރިބާކާރުން ބުނާ ގޮތުގައި، މި ނިޒާމުގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކުގައި ފިނިހޫނުމިން އިންތިހާއަށް މައްޗަށް ގޮސް، ހީނުކުރާ ފަދަ ބޮޑެތި ވައިރޯޅިތަކާއި، ތޫފާންތަކުގެ އިތުރުން ގިނަ ގައުމުތަކަކަށް ބޮޑެތި އުދައެރުމާއި ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވުން އެކަށީގެންވެއެވެ. ޚާއްސަކޮށް އޭޝިއާއާއި އިންޑިއާ ކަނޑުގެ ސަރަހައްދުތަކަށާއި ދެކުނު އެމެރިކާގެ ގައުމުތަކަށް މީގެ ނޭދެވޭ އަސަރު ބޮޑަށް ކުރާނެ ކަމަށް ބެލެވެއެވެ.
އެލް ނީނޯގެ ސަބަބުން ދަނޑުވެރިކަމަށާއި ފެނުގެ ވަސީލަތްތަކަށް އަސަރުކޮށް، ކާބޯތަކެތީގެ ރައްކާތެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެތީ، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުންނާއި އެކި ގައުމުތަކުގެ ސަރުކާރުތަކުން އަންނަނީ އިމަޖެންސީ ފިޔަވަޅުތައް އަޅައި ރައްކާތެރިކަމުގެ ތައްޔާރީތައް ވަމުންނެވެ.





