އިންޑިއާއިން ބޭރުކުރާ ދަނޑުވެރިކަމުގެ އެކި ބާވަތްތަކުގައި ސިއްހަތަށް ގެއްލުންހުރި ކެމިކަލްތަކާއި މާއްދާތައް ހުންނަ ކަމަށް ބުނެ، އެ ގައުމުގެ އުފެއްދުންތަކުގެ ރައްކާތެރިކަމާމެދު ދުނިޔޭގެ ގިނަ ގައުމުތަކަކުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަން ފަށައިފިއެވެ.
މި މައްސަލައިގައި ބައެއް ގައުމުތަކުން ވަނީ އިންޑިއާގެ ބައެއް އުފެއްދުންތައް އެ ގައުމުތަކަށް އެތެރެކުރުން މަނާކޮށް، ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.
މިގޮތުން ޔޫރަޕްގެ އިއްތިހާދާއި، ޖަޕާން އަދި ޗައިނާ ފަދަ ބޮޑެތި މާކެޓުތަކުން ވަނީ އިންޑިއާގެ ހަވާދުގެ ބާވަތްތަކާއި، ހަނޑުލާއި، މޭވާގެ އިތުރުން ތަރުކާރީގައި ކަނޑައެޅިފައިވާ މިންގަނޑަށްވުރެ ގިނައިން ދަނޑުވެރިކަމަށް ބޭނުންކުރާ ބޭސް ނުވަތަ ޕެސްޓިސައިޑް ހުރިކަން ފާހަގަކޮށްފައެވެ.
މީގެ އިތުރުން ބައެއް ބާވަތްތަކުން ސަލްމޮނެއްލާ ފަދަ ނުރައްކާތެރި ބެކްޓީރިއާ ފެނިފައިވާތީ، އެތައް ސަތޭކަ ކޮންޓޭނަރެއްގެ މުދާ ވަނީ އަނބުރާ ފޮނުވާލާފައެވެ.
މި މައްސަލަތަކާ ގުޅިގެން ބައިނަލްއަޤުވާމީ މާކެޓުގައި އިންޑިއާގެ އުފެއްދުންތަކަށް އޮތް އިތުބާރު ކުޑަވަމުންދާތީ، އެ ގައުމުގެ އެކްސްޕޯޓް ސިނާއަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.
ގައުމުތަކުން ބުނާ ގޮތުގައި އިންޑިއާގެ ދަނޑުވެރިކަމުގެ ސިނާއަތުގައި ތަކެތި އުފައްދާ މަރުހަލާތައް ދެނެގަނެވޭނެ ހަރުދަނާ ނިޒާމެއް ނެތުމަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޮތް އެންމެ ބޮޑު ހުރަހެވެ.
މި ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށްޓަކައި އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ދަނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގަވާއިދުތައް ހަރުދަނާކޮށް، ލެބޯޓްރީތަކުގައި ތަކެތި ޓެސްޓުކުރުމުގެ ނިޒާމު ފުޅާކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް ބޭރުގެ ގައުމުތަކުން ބޭނުންވާ މިންގަނޑުތަކަށް ފެތުމަށްޓަކައި ދަނޑުވެރިންނަށް ދޭންޖެހޭ ތަމްރީނުތަކާއި ފަންނީ އެހީތެރިކަން އިތުރުކުރަން ޖެހޭކަން މާހިރުން ފާހަގަކުރެއެވެ.


