އިރާގުގެ ސަރަހައްދުތަކަށް ހަމަލާތަކެއް ދިނުމުގައި ބައިވެރިވި ޔޫކްރޭނާ ގުޅުންހުރި ސެލްތަކެއް ނުވަތަ ގްރޫޕްތަކެއް ހައްޔަރުކޮށްފައިވާ ކަމަށް އިރާގުގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ގާސިމް އަލް އަބޫދީ ވިދާޅުވެއްޖެއެވެ.
ޓީވީ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން އަލް އަބޫދީ ވިދާޅުވީ އިރާގުގެ ސަލާމަތީ މައުލޫމާތުތައް ދިރާސާކުރާ އިންޓެލިޖެންސް ޔުނިޓުން ކުރި މަސައްކަތުން އިރާގުގައި ހިންގި ބައެއް ހަމަލާތަކުގައި ޔޫކްރޭނުގެ ބައިވެރިވުން އޮތްކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ. އަދި އިރާގުގެ އެކި ވަސީލަތްތަކަށާއި ތަންތަނަށް ހަމަލާދިން މަދު ގްރޫޕްތަކެއް ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަލް އަބޫދީ ވިދާޅވި ގޮތުގައި ހައްޔަރުކުރެވުނު މީހުންނާ ސުވާލުކުރުމުން، އެމީހުން މަސައްކަތް ކުރަމުންދިޔައީ ޔޫކްރޭނަށް ކަމަށް އިއުތިރާފުވެފައިވެއެވެ. ނަމަވެސް، އެ ގްރޫޕްތަކުން ހަމަލާދިން ވަކި ތަންތަނުގެ ތަފްސީލެއް ނުވަތަ އިރާގުން ބޭރުގައި އެމީހުން އެއްވެސް އޮޕަރޭޝަނެއް ހިންގާފައިވޭތޯ އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
އިރާގުގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު އިތުރަށް ވިދާޅުވީ އިރާގުގެ އެތެރޭގައި ދެވޭ ހަމަލާތަކަކީ ވަރަށް ނާޒުކު އަދި އޮޅުންބޮޅުން ބޮޑު މައްސަލައެއް ކަމަށާއި، މިކަމުގައި އެންމެ ފަހުގެ ނިންމުމަކަށް އާދެވޭނީ ތަހުގީގުތައް ފުރިހަމައަށް ނިމުމުން ކަމަށެވެ.



