އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ސަޤާފަތެއް ބިނާކުރުމަށް ފަށާ، އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އަންނަ ހޮނިހިރު ދުވަހުގެ ރޭ އިފްތިތާޙުކުރުމަށް ތައްޔާރުވަމުންދާ ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ހީނާ މި ވާހަކަ ހާމަކުރެއްވީ، ހޮޅީންގެ ވެރިކަމުން ދިވެހިރާއްޖެ މިނިވަންކުރެއްވި ދުވަސް ކަމަށްވާ ހުރަވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ތަޞައްވުރަކީ ހަމައެކަނި ޢުމްރާނީ ތަރައްޤީއެއް ނޫން ކަމަށާއި، އިންސާނީ ބިނާކުރުމަށްވެސް އެމަނިކުފާނު ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން، ޤައުމިއްޔަތުގެ ރޫޙު އަށަގެންފައިވާ ދިވެހި ދަރިންތަކެއް ބިނާކުރުމަށް ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ މަޝްރޫޢުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކުރެވޭ ޢުމްރާނީ މަސައްކަތްތަކާއެކު، މިފަދަ އިންސާނީ ބިނާކުރުމުގެ މަސައްކަތްތަކުން ފުރިހަމަ ތަރައްޤީއަކަށް މަގުފަހިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ދޮން ބަންޑާރައިން ނުވަތަ އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ދެއްކެވި ނަމޫނާއަށް އިޝާރާތްކުރައްވަމުން މިނިސްޓަރު ވިދާޅުވީ، "އަމާނަތްތެރިކަން އިސްކުރައްވާ ހޮޅީންގެ ބަންދުގައި ހުންނެވި ދިވެހި ރަސްގެފާނަށް ވަފާތެރިކަން އަދާކުރެއްވި. އަމިއްލަފުޅަށް މިލްކު ކުރެވޭން އޮތް ވެރިކަމަށް އެ ރަދުންގެ ބޭފުޅަކު ލައްވައިގެން އެރަސްކަން ހިންގައިދެއްވީ. މިހެންކަމުން އަޅުގަނޑު ދަންނަވާނީ ދޮން ބަންޑާރައިންނަކީ ބަޠަލެއްގެ އައުލާ މިސާލްކަމުގައި،" އެވެ.
ހުރަވީ ދުވަހު ކޮންމެ ދިވެއްސަކުވެސް ޤައުމުދެކެ ލޯބިވެ، ޤައުމު އިސްކޮށް، ކާބަފައިންގެ ކިބައިން ވާރުތަވި ރިވެތި އަޚްލާޤީ ސިފަތައް ދަމަހައްޓަން ޢަޒުމް ކަނޑައަޅަންޖެހޭ ކަމަށް މިނިސްޓަރު ހީނާ ވިދާޅުވިއެވެ.





