މިސްކިތްތަކަށް ތަކުރާރުކޮށް ގެއްލުންދީގެން ޖަލު ހުކުމެއް ތަންފީޒުކުރުމަށްފަހު ދޫކޮށްލާފައި ހުރި އުމުރުން 32 އަހަރުގެ ނައުޝާދު މޫސާ، ފުރުގާން މިސްކިތުގައި ބަރަހަނާވި ކަމުގެ ތުހުމަތުގައި ފުލުހުން އަލުން ހައްޔަރުކޮށްފިއެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅުނީ އިއްޔެ ހެނދުނު އެ މިސްކިތުގައި ލުހާ ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީގައި އޭނާ ބަރަހަނާވި ކަމަށް ބުނެއެވެ. ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިޔާމް ވިދާޅުވި ގޮތުގައި އޭނާ ހައްޔަރުކޮށް، މިފަދަ ކަމެއް އޭނާގެ ފަރާތުން އިތުރަށް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މިހާރު ދަނީ އަޅަމުންނެވެ.
ނައުޝާދުގެ މައްޗަށް މިސްކިތްތަކަށް ގެއްލުންދިން މައްސަލައިގައި ކުށް ސާބިތުވެ، އެއް މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މި މަހުގެ ފުރަތަމަ ދުވަހެވެ. ނަމަވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރި އަމުރުގެ ދަށުން އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އަދަބުން އުނިކުރުމުން، ތަންފީޒުކުރަންޖެހޭ އިތުރު ޖަލު އަދަބެއް ނެތް ކަމަށް ކޯޓުން ކަނޑައަޅައި، އޭނާ ދޫކޮށްލިއެވެ.
ނައުޝާދަކީ މީގެ ކުރިން ވެސް ފުރުގާން މިސްކިތުގެ ހަތިމުތައް އުކާލައި ކަރަންޓު ބޯޑުތައް ހަލާކުކުރި މައްސަލައެއްގައާއި، މިސްކިތުގެ ތެރެއަށް ގަޟާހާޖާކުރި މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައިވާ މީހެކެވެ.





