ހުކުރާއި ހޮނިހިރުގައި މެދުރާއްޖެތެރެއާއި ދެކުނަށް މޫސުން ގޯސްވާނެ: މެޓް

ހުކުރު އަދި ހޮނިހިރު ދުވަހު ދެކުނާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ވަނީ ލަފާކޮށްފައެވެ.

މިގޮތުން ދެކުނުގެ ރަށްތަކަށް އާންމުކޮށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ބަޔާންކުރެއެވެ.

އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ، ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށް މެޓުން ލަފާކުރެއެވެ. މެދުރާއްޖެތެރެއާއި ދެކުނުގެ ހިސާބުތަކުގައި ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށްވެސް ލަފާކުރެވެއެވެ.

މިހާރު ކުރަމުންދާ ވިއްސާރަ އިއްޔެއިން ފެށިގެން އަލިވާން ފަށާނެ ކަމަށް މީގެ ކުރިން ލަފާކޮށްފައިވީ ނަމަވެސް، މޫސުން އަދިވެސް އަލިނުވެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އުތުރަށް މޫސުން އަލިވާން ފަށާނެ ކަމަށް ލަފާކުރެވޭއިރު، މެދުރާއްޖެތެރެއާއި ދެކުނަށް އަދިވެސް ވިއްސާރަކުރާނެ ކަމަށް މެޓުން ބުނެއެވެ.

ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި، ކަމާބެހޭ އިދާރާތަކަށް އަންގާފައި މެނުވީ ދަތުރު ނުފެށުމަށް މެޓް އޮފީހާއި ސަލާމަތީ ޚިދުމަތްތަކުން ވަނީ އިރުޝާދުދީފައެވެ.

އަދި އުޅަނދުފަހަރުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމުތަކާއި ދިޔަހިއްކާ ޕަމްޕު ފަދަ ސަލާމަތީ ސާމާނު ރަނގަޅަށް މަސައްކަތްކުރޭތޯ ބެލުމަކީ މުހިންމު ކަމެއް ކަމުގައިވެސް ހަނދާންކޮށްދީފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް