ފަލަސްތީނުގެ 20 އަހަރުގެ ގޯލްކީޕަރު އަބްދުލްމާލިކް އިސްރާއީލުގެ ހަމަލާއެއްގައި ޝަހީދުވެއްޖެ

ޣައްޒާ ސްޕޯޓްސް ކްލަބުގެ ކެޕްޓަން އަދި ގޯލްކީޕަރު، އުމުރުން 20 އަހަރުގެ މަހްމޫދު ކަމާލް ފާރިސް އަބްދުލްމާލިކް އިސްރާއީލުން ދިން ހަމަލާއެއްގައި ޝަހީދުވެއްޖެއެވެ. އޭނާ ޝަހީދުވީ ޝަހީދުވި ކުޅިވަރު ކުޅުންތެރިންގެ ހަނދާނުގައި ބޭއްވި މުބާރާތެއްގެ ފައިނަލް މެޗުގައި ކުޅުނުތާ ފަސް ދުވަސް ފަހުންނެވެ.

އަބްދުލްމާލިކް ޝަހީދުވެފައިވާކަން ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަން (ޕީއެފްއޭ) އިން ވަނީ ހާމަކޮށްފައެވެ. އޭނާ ޝަހީދުވީ ޣައްޒާ ސިޓީގެ ދެކުނު ފަރާތުގައިވާ ސަބްރާ އަވަށަށް އަންގާރަ ދުވަހު އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައެވެ.

އަބްދުލްމާލިކަކީ 2023 އޮކްޓޫބަރު މަހުން ފެށިގެން ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގައި ޝަހީދުވި، ކުޅިވަރު ދާއިރާގެ 1،017 ވަނަ ފަރާތެވެ.

"ތައުޒަންޑް މާޓާސް ކަޕް" ގެ ނަމުގައި އިންތިޒާމުކުރި މި މުބާރާތުގެ ޣައްޒާ އަދި އުތުރު ޣައްޒާ ބައިގެ ދެވަނަ މަގާމު ހޯދީ އަބްދުލްމާލިކް ތަމްސީލުކުރި ޣައްޒާ ސްޕޯޓްސް ކްލަބުންނެވެ. ހުޅަނގު އައްސޭރިއާއި ޣައްޒާގެ އިތުރުން ލުބުނާނުގައިވާ ރެފިއުޖީ ކޭމްޕުތަކުން 200 އަށް ވުރެ ގިނަ ޓީމު މި މުބާރާތުގައި ބައިވެރިވިއެވެ.

މުބާރާތާ ބެހޭގޮތުން ޕީއެފްއޭގެ ރައީސް ޖިބްރީލް ރަޖޫބް ފާހަގަކުރެއްވި ގޮތުގައި، މި މުބާރާތުން ހާމަވެގެންދިޔައީ ފަލަސްތީނުގެ ރައްޔިތުންގެ ސާބިތުކަމާއި އަޒުމަށް ބަދަލެއް ނުގެނެވޭނެ ކަމާއި، ކުޅިވަރަކީ އަދިވެސް އުންމީދާއި ދިރުމުގެ ނިޝާނެއްގެ ގޮތުގައި ދެމިއޮންނާނެ ކަމެވެ.

އަބްދުލްމާލިކް ޝަހީދުވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން، ޚާން ޔޫނިސްގެ އަލް މަވާސީ ސަރަހައްދުގައި ރަހުމަތްތެރިންނާއެކު ބޯޅަ ކުޅެން ހުރި 15 އަހަރުގެ މުހައްމަދު ނިދާލް ބަރްބަކް ވެސް އިސްރާއީލު ސިފައިން ވަނީ ބަޑިޖަހައި މަރާލާފައެވެ.

އިސްރާއީލުން ފީފާގެ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅު ގަވާއިދުތަކާ ތަކުރާރުކޮށް ދެކޮޅުހަދަމުންދާއިރު ވެސް އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާތީ، ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ފީފާއަށް އަމާޒުވެފައެވެ. ހަމަލާތަކުގެ ސަބަބުން ޣައްޒާގައި ހުރި 56 ކްލަބުގެ ތެރެއިން 50 އަށް ވުރެ ގިނަ ކްލަބާއި، ފީފާގެ އެހީތެރިކަމާއެކު ތަރައްގީކުރި 20 ފުޓްސަލް ދަނޑު ވަނީ މުޅިން ސުންނާފަތިކޮށްލާފައެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާގެ ހިސާބުތަކަށް ބަލާއިރު، 2023 އޮކްޓޫބަރު 7 އިން ފެށިގެން މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ ޖުމްލަ އަދަދު ވަނީ 74،645 އަށް ވުރެ މައްޗަށް އަރާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް