ހޫތީން

ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ރަތްކަނޑުގައި ދަތުރުކުރަމުންދިޔަ ސައޫދީ އަރަބިއްޔާގެ ދެ ތެޔޮ ޓޭންކަރަކަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

މި ހަމަލާގެ ޒިންމާ ހޫޘީން އުފުލާފައިވާއިރު، މީގެ ތެރެއިން އެއް އުޅަނދުގައި އަލިފާން ރޯވެފައިވާކަން ސައޫދީ އަރަބިއްޔާގެ ރަސްމީ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއު ވިދާޅުވި ގޮތުގައި މި ހަމަލާ އަމާޒުކޮށްފައިވަނީ ސައޫދީގެ "އެންސެލިއާ" އަދި "ލައިލާ" ނަމަކަށް ކިޔާ ދެ ތެޔޮ ޓޭންކަރަށެވެ.

މި ދެ އުޅަނދަށް ހަމަލާދިނީ ހޫޘީން ސައޫދީގެ ބަނދަރުތަކާ ދެކޮޅަށް އިއުލާންކޮށްފައިވާ ކަނޑުގެ ބަންދާ ހިލާފުވުމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުން ދަތުރުކުރި އެހެން ބައެއް އުޅަނދުތަކަށް މަގު ބަދަލުކުރަން މަޖުބޫރުވި ކަމަށްވެސް ހޫޘީން ބުނެއެވެ.

ސައޫދީ އަރަބިއްޔާގެ ޓްރާންސްޕޯޓް ޖެނެރަލް އޮތޯރިޓީން މައުލޫމާތު ދިން ގޮތުގައި ހަމަލާގެ ސަބަބުން އެންސެލިއާ ޓޭންކަރުގެ ކުރީކޮޅުގައި އަލިފާން ރޯވި ނަމަވެސް، އުޅަނދުގެ ފަޅުވެރިންނަށް އެއްވެސް ގެއްލުމެއް ނުވެ އެންމެން ސަލާމަތްވެފައިވެއެވެ.

އަދި އެ އުޅަނދާއި ފަޅުވެރިންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި ތިމާވެށި ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ސައޫދީން ހާމަކުރެއެވެ. ނަމަވެސް ދެވަނަ އުޅަނދު ކަމަށްވާ ލައިލާ އަށް ހަމަލާދިން ކަން ސައޫދީ އިދާރާތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ ބަނދަރުތަކަށް ވަދެ ނިކުންނަ އުޅަނދުތަކަށް ހޫޘީން ކަނޑުގެ ބަންދެއް އިއުލާންކުރި ފަހުން ސައޫދީގެ އުޅަނދަކަށް އަމާޒުކޮށް ދިން ފުރަތަމަ ހަމަލާއެވެ. ޔަމަނުގެ ސަންޢާ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ބަންދުކޮށްފައި އޮތުމާ ގުޅިގެން ހޫޘީން ވަނީ ސައޫދީއާ ދެކޮޅަށް މި ފިޔަވަޅު އަޅާފައެވެ.

މި ހަމަލާތަކާއެކު މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، ބައިނަލްއަގުވާމީ ތެލުގެ ބާޒާރަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް