އީރާނުގެ ކުރީގެ ސުޕްރީމް ލީޑަރު އަޔާތުالله އަލީ ޚާމަނާއީ އަވަހާރަކޮށްލި މައްސަލައިގައި ދުޝްމަނުންގެ ކިބައިން ބަދަލުހިފުމަކީ "ގައުމުގެ ނިންމުން" ކަމަށާއި، އެކަން ކޮންމެހެންވެސް ކުރާނެ ކަމަށް އީރާނުގެ އާ ސުޕްރީމް ލީޑަރު އަޔާތުالله މުޖްތަބާ ޚާމަނާއީ ވިދާޅުވެއްޖެއެވެ.
މިއީ ބައްޕާފުޅުގެ ޖަނާޒާގެ ރަސްމިއްޔާތުތައް މިދިޔަ ހަފުތާގައި ފެށުނު ފަހުން އާންމުކުރެއްވި ފުރަތަމަ ރަސްމީ ބަޔާނެވެ.
ދައުލަތުގެ ޓީވީ މެދުވެރިކޮށް އަދި ޓެލެގްރާމް އެކައުންޓުގައި އާންމުކުރެއްވި ލިޔުމެއްގެ ޒަރީއާއިން ދެއްވި ބަޔާނުގައި މުޖްތަބާ ޚާމަނާއީ ވަނީ، ޚާމަނާއީ އަވަހާރަކޮށްލި މީހުންގެ ކިބައިން ބަދަލުހިފާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
"މި ހަނގުރާމައިގައި ޝަހީދުވި އެންމެންގެ ލޭގެ ބަދަލުހިފުމަކީ ގައުމުގެ އެދުމެއް. އެ ކުށްވެރި އަދި ފަޟީހަތްވެފައިވާ ގާތިލުންގެ ކިބައިން ބަދަލުހިފުމުގެ މި އަމަލަކީ ކޮންމެހެންވެސް ހިންގާނެ ކަމެއް." ހަމާނީ ވިދާޅުވިއެވެ.
މީގެ އިތުރުން، މި އަމަލު ހިންގި މީހުން މަތިން ފެށިގެން ތިރިއަށް އީރާނުން ދެނެގަނެފައިވާ ކަމަށާއި، އެމީހުން މަރާލާނެކަމުގެ ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. އަދި ދުނިޔޭގެ އެކި ކޮޅުތަކުގައި ތިބި މިނިވަން ރައްޔިތުންވެސް މި މަސައްކަތުގައި ބައިވެރިވާނެ ކަމަށް އެ މެސެޖުގައި ބުނެފައިވެއެވެ.
އުމުރުން 56 އަހަރުގެ މުޖްތަބާ ޚާމަނާއީ އީރާނުގެ އެންމެ މަތީ މަގާމާ ހަވާލުވެވަޑައިގަތީ، 1989 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ ލީޑަރުކަން ކުރެއްވި އޭނާގެ ބައްޕާފުޅު އަލީ ޚާމަނާއީ މިއަހަރުގެ ކުރީކޮޅު އަވަހާރަކޮށްލުމާ ގުޅިގެންނެވެ. އީރާނުގެ މަސްއޫލުވެރިން ބުނާ ގޮތުގައި އަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވަނީ އެމެރިކާ އާއި އިސްރާއީލު ގުޅިގެން ދިން ވައިގެ ހަމަލާތަކެއްގައެވެ. އޭނާގެ މަރާ ގުޅިގެން އީރާނާއި އިރާގުގެ މުގައްދަސް ރަށްތަކުގައި ބޭއްވި ޖަނާޒާގެ ހަރަކާތްތަކުގައި އެތައް މިލިއަން ބަޔަކު ވަނީ ބައިވެރިވެފައެވެ.
މި އިންޒާރު އައިސްފައިވަނީ އީރާނާއި އެމެރިކާ-އިސްރާއީލް އިއްތިހާދާ ދެމެދު ހިނގަމުންދާ "ދެ ހަނގުރާމަ" އެއްގެ ސަބަބުން މަސްރަހު އިންތިހާއަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ދެފަރާތުގެ މެދުގައި ހަމަލާތައް މަދުކުރުމަށް ވެފައިވާ ވަގުތީ އެއްބަސްވުމަށްވެސް މިކަމުގެ ސަބަބުން ވަނީ ބުރޫއަރާފައެވެ.
މި ބަޔާނަށް ރައްދު ދެއްވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އޭނާ އަވަހާރަކޮށްލަން އެއްވެސް މަސައްކަތެއް ކޮށްފިނަމަ، އީރާނުގެ ހުރިހާ ސަރަހައްދެއް މުޅިން ސުންނާފަތިކޮށް ހަލާކުކޮށްލުމަށް އެމެރިކާގެ އަސްކަރިއްޔާ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމުގެ އިންޒާރު ދެއްވާފައެވެ.
އީރާނުގެ ދައުލަތުގެ މީޑިއާތަކުން ބުނާ ގޮތުގައި އާ ލީޑަރުގެ މި މެސެޖަކީ މުޅި ގައުމުގެ އެއްބަސްވުން އޮތް ކަމެކެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މީގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި މެދުއިރުމަތީގައި އިތުރު ހަމަނުޖެހުންތަކެއް ހިނގައިދާނެ ކަމުގެ ބިރުވެރިކަން މިހާރު ވަނީ ވަރަށް ބޮޑުވެފައެވެ.




