އޮޅުވާލުމަށް ފަތުރާ މަޢުލޫމާތާއި ދޮގު ޚަބަރުތަކުގެ ނުރައްކާއިން މުޖުތަމަޢުތައް ރައްކާތެރިކޮށް، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ޚަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ޗައިނާގެ ވެރިރަށް ބެއިޖިންގގައި ބޭއްވި 7 ވަނަ ވޯލްޑް މީޑިއާ ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިހާރު ދުނިޔެ ބައްޓަންވަމުން އަންނަނީ އާޓިފިޝަލް އިންޓެލިޖެންސާއި އޮޓޮމޭޝަންގެ މައްޗަށް ކަމަށާއި، މިފަދަ ޓެކްނޮލޮޖީތަކާއެކު ތެދު މަޢުލޫމާތު ވަކިކޮށް ދެނެގަތުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އާންމުން އުފައްދާ ކޮންޓެންޓްތަކަށް މަޤުބޫލުކަން ލިބެމުންދާއިރު، އެފަދަ ގިނަ އުފެއްދުންތަކުގައި ނޫސްވެރިކަމުގެ ހަމަތަކާއި އަޚުލާޤީ މިންގަނޑުތައް ނުހިފެހެއްޓޭތީ، އޮޅުވާލުމަށް ފަތުރާ މަޢުލޫމާތުގެ ނުފޫޒުގައި އާންމުން ޖެހިގެންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިފަދަ ނުރައްކާތައް ވުޖޫދުގައިވާކަން ޤަބޫލުކުރުމަކީ މި މައްސަލައަށް ހައްލެއް ހޯދުމުގެ ފުރަތަމަ ފިޔަވަޅު ކަމުގައި ވެސް މިނިސްޓަރު ޚަލީލް ވިދާޅުވިއެވެ.
ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މީޑިއާގެ ވަސީލަތްތައް ތަރައްޤީވެފައިވަނީ އެއް ހަމައެއްގައި ނޫން ކަމަށް ވިދާޅުވެ، ހަލުވިކަމާއެކު ބަދަލުވަމުންދާ މި ދާއިރާއިން ކުރިއެރުން ހޯދުމަށް އެއް ޤައުމުން އަނެއް ޤައުމަށް އެހީތެރިވެ، މަޢުލޫމާތާއި ހުނަރު ބަދަލުކުރެވޭނެ ޕްލެޓްފޯމުތައް ޤާއިމުކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަންނަން އޮތް ޖީލުތަކާއި މުސްތަޤްބަލުގެ ރައްކާތެރިކަމަށްޓަކައި ނޫސްވެރިކަމުގެ އަޚުލާޤީ މިންގަނޑުތައް އެންމެ މަތީ ފެންވަރުގައި ހިފަހައްޓަންޖެހޭ ކަމަށާއި، މި ދާއިރާއިން ދެވޭ ތަމްރީނުތައް ވެސް އިތުރުކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއަހަރުގެ ސަމިޓުގެ ޝިޢާރަކީ "ހިކުމަތްތެރި ޒަމާނުގައި މީޑިއާ: އިއްތިފާޤުވުމުން ޢަމަލީ މައިދާނަށް" އެވެ. ބައިނަލްއަޤްވާމީ ފެންވަރުގައި މީޑިއާތައް އެއް އަމާޒަކަށް ގެނައުމަށް ޗައިނާގެ ޝިންހުއާ ނިއުސް އޭޖެންސީން ކުރަމުންދާ މަސައްކަތްތަކަށް ވެސް މިނިސްޓަރު ތައުރީފުކުރެއްވިއެވެ.





