އަމީނިއްޔާ ސްކޫލުގައި 28 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި މުދައްރިސް މޫސާ އަލީ ނިޔާވެއްޖެ

އަމީނިއްޔާ ސްކޫލުގައި 28 އަހަރަށްވުރެ ގިނަ ދުވަހު ކިޔަވައިދެއްވި، ގިނަ ބައެއްގެ އިޙްތިރާމް ހޯއްދެވި ޚިދުމަތްތެރި ދިވެހި މުދައްރިސް މޫސާ އަލީ މިއަދު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މޫސާ އަލީ ނިޔާވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށްފަހު، އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

އަމީނިއްޔާ ސްކޫލުގައި ހޭދަކުރެއްވި ދުވަސްވަރަކީ މޫސާ އަލީގެ ޚިދުމަތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ދުވަސްވަރެވެ. އެ ސްކޫލުގެ ދިވެހި ޑިޕާޓްމަންޓުގެ އިސްވެރިޔާގެ މަގާމު 20 އަހަރު ދުވަސް ވަންދެން ފުރުއްވި މޫސާ އަލީ، އަމީނިއްޔާގެ ދިވެހި އަދަބީ ޖަމިއްޔާ "އެކުވެރިކަމުގެ ޗޭނު" ވެސް ވުޖޫދަށް ގެނައްވިއެވެ.

އުމުރުން 16 އަހަރުގައި، 1958 ވަނަ އަހަރުގެ ޖޫން 17 ގައި ދައުލަތުގެ ވަޒީފާއަށް ވަދެވަޑައިގެންނެވި މޫސާ އަލީ، ފުރަތަމަ ކިޔަވައިދެއްވީ ހަމީދިއްޔާ ސްކޫލުގައެވެ. އޭގެފަހުން ސިލޯނުގައި ތިބި ދިވެހި ކުދިންނަށް ކިޔަވައިދެއްވުމަށް އަށް އަހަރު ހޭދަކުރެއްވިއެވެ.

1967 ވަނަ އަހަރުގެ ނޮވެމްބަރު 7 ގައި އަމީނިއްޔާ ސްކޫލުގެ މުދައްރިސަކަށް ހަމަޖެހިވަޑައިގެން ހަތަރު އަހަރާއި ބައިގެ މުއްދަތަކަށް ކިޔަވައިދެއްވި މޫސާ އަލީ، ދެން އެއާޕޯޓު އޮފީހާއި މުވާސަލާތީ ޑިޕާޓްމަންޓުގައި މަސައްކަތްކުރެއްވުމަށްފަހު އަލުން އަމީނިއްޔާއަށް ބަދަލުވެ ވަޑައިގަތެވެ.

މެދުނުކެނޑި 49 އަހަރާއި 10 މަސް ވަންދެން ދައުލަތަށް ޚިދުމަތްކުރެއްވި މޫސާ އަލީއަށް، ދިވެހި ބަހަށް ޚިދުމަތްކުރެއްވުމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، މިނިވަން 25 ގެ އިނާމާއި، ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމު ލިބިވަޑައިގެންފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް