އޮކްޓޫބަރު 29 އިން ނޮވެމްބަރު 5 އަށް ކޯސްޓްގާޑުން 88 މެޑިކަލް އިވެކުއޭޝަން ހިންގައިފި

2026 ވަނަ އަހަރުގެ އޮކްޓޫބަރު 29 އިން ނޮވެމްބަރު 5 ގެ ނިޔަލަށް، ޞިއްޙީ އަވަސް ފަރުވާއަށް ބަލިމީހުން އުފުލުމުގެ 88 މެޑިކަލް އިވެކުއޭޝަން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކޯސްޓްގާޑުން ހިންގާފައިވާ ކަމަށް އެމްއެންޑީއެފުން އާންމުކުރި ހަފުތާ ރިޕޯޓުގައި ބުނެފިއެވެ.

އެ މުއްދަތުގައި އެންމެ ގިނަ އޮޕަރޭޝަން ހިންގާފައިވަނީ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިންނެވެ. އެ ސްކޮޑްރަން މެދުވެރިކޮށް 54 މެޑިކަލް އިވެކުއޭޝަން ހިންގާފައިވާއިރު، ތާޑް ސްކޮޑްރަންއިން 14، ފޯތު ސްކޮޑްރަންއިން 12 އަދި ސެކަންޑް ސްކޮޑްރަންއިން 8 މެޑިކަލް އިވެކުއޭޝަން ހިންގާފައިވެއެވެ.

ނަމަވެސް މި މުއްދަތުގައި ސީ އެމްބިއުލާންސް މެދުވެރިކޮށް އެއްވެސް މެޑިކަލް އިވެކުއޭޝަނެއް ހިންގާފައެއް ނުވެއެވެ.

ކުރީގެ ހަފުތާގައި (އޮކްޓޫބަރު 22 އިން 29 އަށް) ވެސް ކޯސްޓްގާޑުން 89 މެޑިކަލް އިވެކުއޭޝަން ހަދައިދީފައިވެއެވެ.

ރާއްޖޭގައި ސީ އެމްބިއުލާންސާއި އެއާ އެމްބިއުލާންސްގެ ޚިދުމަތް ދެމުން އަންނައިރު، އެ ދެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް