މަސްތުވާތަކެއްޗާއި ވޭޕް ކާޓްރިޖާއެކު ހައްޔަރުކުރި ތިން މީހުންގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި

މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 1.7 ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި، މަސްތުވާތަކެތި އެކުލެވިގެންވާ 230 ވޭޕް ކާޓްރިޖާއެކު ހައްޔަރުކުރި ތިން މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 30 ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކ. ހުރާ، ސާނީވިލާ، އުމުރުން 26 އަހަރުގެ ހުސައިން ޝާވިން، ތ. ތިމަރަފުށި، ވިލާ، އުމުރުން 21 އަހަރުގެ މަރްޔަމް އިޝާ އަޝްރަފް އަދި ސ. ހުޅުދޫ، ރޭޝަމް، އުމުރުން 25 އަހަރުގެ މުޙައްމަދު ނާހިލްއެވެ.

މި ތިން މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، ސެޕްޓެމްބަރު މަހު ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުން ބުނި ގޮތުގައި، އެ އޮޕަރޭޝަނުގައި މާފަންނުގެ ގެއެއް ބަލައިފާސްކުރިއިރު، އެ ގެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތީގެ އިތުރުން، 26 ފުޅި ވޭޕް ފްލޭވަރާއި ބަނގުރާ ފުޅިއެއް ވެސް ފެނިފައިވެއެވެ.

ކްރިމިނަލް ކޯޓުން އެ ތިން މީހުންގެ ބަންދަށް އިތުރު 30 ދުވަސް ޖަހާފައިވަނީ އިއްޔެއެވެ. މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން މި މީހުންގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް