މިއަހަރުގެ ފެބްރުއަރީ މަހު އެމެރިކާ އާއި އިސްރާއީލުން ދިން ވައިގެ ހަމަލާތަކެއްގައި އަވަހާރަކޮށްލެވުނު އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނޭއީގެ ޖަނާޒާގެ ކަންކަން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް އެގައުމުގެ ސަރުކާރުން ނިންމައި، އޭގެ ތަފްސީލުތައް ހާމަކޮށްފިއެވެ.
މި ހަމަލާއާ ގުޅިގެން ސަރަހައްދީ ފެންވަރުގައި ނުރައްކާތެރި ހަނގުރާމައެއް ފެށިގެން ދިޔަކަން ފާހަގަކުރެވެއެވެ.
އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ އެހީތެރިކަމާއެކު އެކުލަވާލާފައިވާ މަތީ ފަންތީގެ ކޮމިޓީއަކުން މި ޖަނާޒާގެ ކަންކަން އިންތިޒާމު ކުރަމުންދާއިރު، މިއީ އީރާނާއި މުޅި ޝީއީ ދުނިޔެއިން މިލިއަނުން މީހުން ބައިވެރިވާނެ ވަރަށް ބޮޑު ރަސްމިއްޔާތަކަށް ވާނެ ކަމަށް ބެލެވެއެވެ.
މި ރަސްމިއްޔާތު ފެށޭނީ ތެހެރާންގެ ގްރޭންޑް މުސައްލާ ކޮމްޕްލެކްސްގައި ހަށިކޮޅު ބޭއްވުމަށްފަހު، ވެރިރަށުގެ މަގުތަކުގައި ބާއްވާ ހިނގާލުންތަކަކުންނެވެ.
އެއަށްފަހު، ކޫމްގެ މުގައްދަސް ރަށަށް ހަށިކޮޅު ގެންގޮސް ކަށުނަމާދު ކުރުމަށްފަހު، ޚާމަނޭއީގެ ވަސިއްޔަތްޕުޅާ އެއްގޮތަށް މަޝްހަދުގައި ހުންނަ އިމާމް ރިޒާގެ މަގުބަރާގައި ފަސްދާނުލެވޭނެއެވެ.
ކުރިން މާޗު މަހުގެ ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައި އޮތް މި ޖަނާޒާ، ސަލާމަތީ ސަބަބުތަކަށްޓަކައި އަދި އާންމުންގެ ގިނަ އަދަދެއްގެ މީހުން އެއްވާނެތީ އެކި ފަހަރު މަތިން ވަނީ ފަސްކޮށްފައެވެ.
މިހާރު މި ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ މެދުތެރޭގައި، ހަނގުރާމަ މެދުކަނޑާލާފައިވާ ދަނޑިވަޅެއްގައެވެ. މި ހަރަކާތް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ވަނީ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކެއް އަޅައި، ބޭނުންވާނެ އެންމެހައި އިންތިޒާމުތައް ފުރިހަމަކޮށްފައެވެ. ޖަނާޒާއަށް ތައްޔާރުވަނީ20 މިލިއަން މީހުން ޖަނާޒާގައި ބައިވެރިވާނެކަމަށް ބަލައިގެންނެވެ.
މި ޖަނާޒާއަކީ އީރާނުގެ ގައުމީ އެއްބައިވަންތަކަމާއި ސާބިތުކަން ދައްކުވައިދޭ މުހިންމު ރަމްޒެއްގެ ގޮތުގައި ސިފަކުރެވެއެވެ. ޚާމަނޭއީ އަވަހާރަވުމަކީ އީރާނަށް ލިބުނު ބޮޑު ސިހުމެކެވެ.
މިވަގުތު އެގައުމުގެ ރޫހާނީ ލީޑަރަކަށް ހުންނެވީ އާޔަތުﷲ ހާމެނާއިގެ ދަރިކަލެކެވެ.




