ޓްރަމްޕް

އީރާނުގައި ވަޅުލާފައިވާ ޔުރޭނިއަމް ނައްތާލުމަށް އެމެރިކާއިން އެ ގައުމާއެކު މަސައްކަތް ކުރާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިކަން ހާމަކުރެއްވީ އީރާނާއެކު ދެ ހަފުތާގެ މުއްދަތަށް އިޢުލާންކުރި ވަގުތީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ދަނޑިވަޅެއްގައެވެ.

ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތު ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނަށް އައިސްފައިވާ ވެރިކަމުގެ ބަދަލަކީ ބިނާކުރަނިވި ބަދަލެއް ކަމަށް އެމެރިކާއިން ގަބޫލުކުރާ ކަމަށާއި، އެ ގައުމާއެކު އެމެރިކާއިން ވަރަށް ގާތުން މަސައްކަތް ކުރާނެ ކަމަށެވެ.

އަދި މީގެ ފަހުން އީރާނުގައި ޔުރޭނިއަމް މުއްސަނދި ކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށާއި، ބިމުގެ އަޑީގައި ވަޅުލާފައިވާ ނިއުކްލިއާ މާއްދާތައް (ނިއުކްލިއާ ޑަސްޓް) އެމެރިކާއާއި އީރާން ގުޅިގެން ކޮނެގެން ނަގައި، އެ ގައުމުން ބޭރުކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އީރާނަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާ ގުޅޭގޮތުންނާއި، ވިޔަފާރީގެ ޓެރިފްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އަދި މިހާރު އެކުލަވާލާފައިވާ 15 ނުކުތާގެ މައްޗަށް އެކުލެވޭ ރޭވުމުގެ ބޮޑު ބަޔަކަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް ވެސް ފާހަގަކުރެއްވިއެވެ. މީގެ ކުރިން ދެ ގައުމުން ވާހަކަދައްކަމުން ދިޔައީ އީރާނުން ހުށަހެޅި 10 ނުކުތާގެ މައްޗަށް ބިނާކޮށްގެންނެވެ.

ހަމައެއާއެކު، އީރާނަށް އަސްކަރީ ހަތިޔާރު ފޯރުކޮށްދޭ ކޮންމެ ގައުމަކަށް ޓްރަމްޕް ވަނީ ހަރުކަށި އިންޒާރެއް ދެއްވާފައެވެ. ޓްރަމްޕް ވިދާޅުވީ، އީރާނަށް ހަތިޔާރު ފޯރުކޮށްދޭ ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ ހުރިހާ މުދަލަކުން، އެއްވެސް އިސްތިސްނާއެއް ނެތި، ވަގުތުން ވަގުތަށް 50 އިންސައްތައިގެ ޓެރިފް (އިމްޕޯޓް ޑިއުޓީ) ނަގަން ފަށާނެ ކަމަށެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް