ިއިރާން-އިޒްރޭލު ހަނގުރާމަ: އިންޑިއާއިން އަހަރުތަކަކަށްފަހު އީރާނުން ގޭސް ގަނެފި

ހޯރްމުޒް ކަނޑުއޮޅި ބަންދުވެފައިވާ ދަނޑިވަޅެއްގައި، އިންޑިއާއިން އަހަރުތަކަކަށްފަހު ފުރަތަމަ ފަހަރަށް އީރާނުން އެލް.ޕީ.ޖީ ގަނެފިއެވެ.

އީރާނުގެ ތެލާއި ސާފުކުރި ތެލުގެ އުފެއްދުންތަކާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ލުޔެއް ދިނުމާ ގުޅިގެން، ގިނަ އަހަރުތަކަކަށްފަހު އިންޑިއާއިން އީރާނުގެ އެލް.ޕީ.ޖީ (ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް) ގެ ފުރަތަމަ ޝިޕްމަންޓް ގަނެފައިވާ ކަމަށް އިންޑަސްޓްރީގެ މަސްދަރުތަކާ ހަވާލާދީ ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފިއެވެ.

ހުޅަނގުގެ ގައުމުތަކުން އީރާނާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ފިއްތުންތަކާ ހެދި، 2019 ވަނަ އަހަރުން ފެށިގެން އިންޑިއާއިން އީރާނުން ހަކަތައިގެ ބާވަތްތައް ގަތުން އޮތީ މެދުކަނޑާލާފައެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް އެޅިފައިވާ "އޯރޯރާ" ނަމަކަށް ކިޔާ ޓޭންކަރުގައި އީރާނުގެ އެލް.ޕީ.ޖީ ހިފައިގެން މިހާރު ދަތުރުކުރަމުންދާއިރު، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިންޑިއާގެ ހުޅަނގު އައްސޭރީގައި އޮންނަ މަންގަލޯރު ބަނދަރަށް އެ އުޅަނދު ބަނދަރުކުރާނެ ކަމަށް ބެލެވެއެވެ.

މި ޝިޕްމަންޓް ބަހާލުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ތެޔޮ ވިއްކާ މައިގަނޑު ތިން ކުންފުނި ކަމަށްވާ އިންޑިއަން އޮއިލް ކޯޕަރޭޝަން، ބާރަތު ޕެޓްރޯލިއަމް ކޯޕަރޭޝަން އަދި ހިންދުސްތާން ޕެޓްރޯލިއަމް ކޯޕަރޭޝަންގެ މެދުގައެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ހޯރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ހަކަތަ އުފުލުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، މީގެ ސަބަބުން އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރި ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނެއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް