ތާރީޚީ ކުޅުންތެރިޔާ ލިއޮނެލް މެސީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލި ފަހުން އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި، ރަޙުމަތްތެރިކަމުގެ މެޗެއްގައި އުރުގުއޭ އަތުން 2-1 އިން އެ ޓީމު ބަލިވެއްޖެއެވެ.
އާޖެންޓީނާގެ ލަ ބޮމްބޮނޭރާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ތިން ލަނޑުވެސް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. މެޗުގެ 48 ވަނަ މިނެޓުގައި އުރުގުއޭއަށް ލީޑު ލިބުނީ، އާޖެންޓީނާގެ ޑިފެންޑަރަކު އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. އޭގެ ފަސް މިނެޓު ފަހުން، 53 ވަނަ މިނެޓުގައި މެކްސީ އަރައުހޯ ވަނީ އުރުގުއޭގެ ދެވަނަ ލަނޑު ޖަހައިދީފައެވެ.
މެޗުގެ 73 ވަނަ މިނެޓުގައި ހޫލިއަން އަލްވަރޭޒް އާޖެންޓީނާއަށް ލަނޑެއް ކާމިޔާބުކޮށްދިން ނަމަވެސް، ނަތީޖާ އެއްވަރުކުރެވޭ ގޮތެއް ނުވިއެވެ. މި މެޗުގައި ސްކަލޯނީ އެޓޭކަށް ނެރުނީ ނިކޯ ޕާޒް، ހޫލިއަން އަލްވަރޭޒް އަދި ތިއާގޯ އަލްމާޑާއެވެ.
އުރުގުއޭ މި މެޗަށް ނުކުތީ ކުރީގެ ތަރި ޑިއޭގޯ ފޯލާންގެ ކޯޗުކަމުގެ ދަށުންނެވެ.
އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ ވަނީ މެސީ ބޭނުންކުރި 10 ނަންބަރު ޖާޒީ މި މެޗުގައި އެއްވެސް ކުޅުންތެރިއަކަށް ނުދީ ހުސްކޮށް ބަހައްޓާފައެވެ. ސްކަލޯނީ ދާދިފަހުން ވަނީ 2030 ވަނަ އަހަރާ ހަމައަށް ޓީމާއެކު އޮތް އެއްބަސްވުން އާކޮށްފައެވެ.
މެސީ ނެތި ކުޅުނު މި މެޗު ބެލުމަށް ލަ ބޮމްބޮނޭރާ ސްޓޭޑިއަމް ފުރިފައި ނުވާކަންވެސް ފާހަގަކޮށްލެވެއެވެ.





