އެފްއޭއެމް ވިމެންސް ލީގުގެ މި އަހަރުގެ މުބާރާތް، ފާއިތުވި އަހަރުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި އިތުރު ތިން ޓީމަކާއެކު އަންނަ އާދިއްތަ ދުވަހު ފަށަނީއެވެ.
މާޒިޔާއާއެކު މި ފަހަރު ލީގުގައި ވާދަކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި މޯލްޑިވްސް ސޮކަރ މޭޓްސްއެވެ.
ލީގު އުސޫލުން ކުރިއަށްދާ މި މުބާރާތުގައި ކޮންމެ ޓީމެއް އަނެއް ހުރިހާ ޓީމަކާ ދެ ބުރު ބައްދަލުކުރާނެއެވެ. ދެ ބުރު ނިމުމުން ލީގު ތާވަލުގެ އެއްވަނަ ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބިގެންދާނެއެވެ.
11 އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު، އެފްއޭއެމުން ވިމެންސް ލީގު އަލުން ބޭއްވީ މިދިޔަ އަހަރުއެވެ.





