ފެނުގެ ކޮންމެ ތިއްކަކަށް ޤަދަރުކުރުމުގެ މުހިންމުކަން ހަނދާންކޮށްދީ، ފެން އިސްރާފުކުރުން ހުއްޓުވުމަށް ބާރުއަޅައި "ރެސްޕެކްޓް އެވްރީ ޑްރޮޕް" ގެ ނަމުގައި ހޭލުންތެރިކުރުމުގެ ޚާއްޞަ ހަރަކާތެއް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
މި ކެމްޕޭނުގެ މައިގަނޑު މަޤްޞަދަކީ ދިރިއުޅުމުގެ ކުދިކުދި އާދަތަކުގެ ތެރެއިން ފެން ރައްކާތެރިކުރުމުގެ މުހިންމުކަން އަންނަން އޮތް ޖީލުތަކަށް ދަސްކޮށްދިނުމެވެ. ޤަދަރާއި އިޙްތިރާމް ފެށިގެން އަންނަނީ ގޭތެރެއިން ކަމަށްވާތީ، ކުޑަކުދިންނަށް ފެން އިސްރާފު ނުކުރުމުގެ ރަނގަޅު އާދަތައް ދަސްކޮށްދިނުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއްކަން ހަރަކާތުގެ ތެރެއިން ފާހަގަކޮށްފައިވެއެވެ.
ކެމްޕޭނުގައި އިލްތިމާސްކޮށްފައިވަނީ އަތްދޮވުމާއި، ދަތްއުނގުޅުމާއި، ސައިބޯނި ލާ ވަގުތުތަކުގައި އިސްކުރު ބަންދުކޮށްފައި ބެހެއްޓުމަށެވެ. އަދި ބޭނުންވާ މިންވަރަށް ހަމައެކަނި ފެން ބޭނުންކުރުމުގެ އާދަ އަށަގެންނެވުމަކީ ފެން އިސްރާފުވުމުން ސަލާމަތްވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅު ކަމަށް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
ސާފު، ރައްކާތެރި ބޯފެން އިސްކުރުތަކާ ހަމައަށް ފޯރުކޮށްދެވެނީ އެތައް ބައެއްގެ ބުރަ މަސައްކަތާއި ވަގުތު ހޭދަކޮށްގެން ކަމަށާއި، އެ މަސައްކަތުގެ އަގުވަޒަންކޮށް ފެން ބޭނުންކުރުމުގައި ޒިންމާދާރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ވުޒާރާއިން ވަނީ ބުނެފައެވެ.
"ރެސްޕެކްޓް އެވްރީ ޑްރޮޕް" ހަރަކާތުގެ ދަށުން، ގޭތެރޭގައާއި މަސައްކަތުގެ މާޙައުލުގައި ފެން ރައްކާތެރިކުރުމަށް ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް ވުޒާރާއިން ބުނެއެވެ.





