ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ޤައުމީ ދިފާޢީ ބާރުން (އެމްއެންޑީއެފް) އިންތިޒާމުކޮށްގެން ބާއްވާ "ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު" ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި ރަސްމީކޮށް ހުޅުވައިފިއެވެ.
މައުރަޒު ހުޅުއްވައިދެއްވީ އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފެވެ. މި މައުރަޒު ބާއްވަނީ 1988 ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލާގައި ޤައުމަށްޓަކައި ޝަހީދުވި ހއ. ދިއްދޫ ޝަހީދު އަލްމަރްޙޫމް ޢުމަރު އަޙްމަދުގެ ހަނދާނާ ވެސް ގުޅުވައިގެންނެވެ.
މައުރަޒު ޚާއްޞަކޮށްފައިވަނީ ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި އަބްޠާލުންގެ ޒިކުރާއަށާއި، އެ ދުވަހު ދިވެހިންނަށް ލިބުނު ނަޞްރާއި ކާމިޔާބީގެ މައްޗަށެވެ. ހަމަލާ ފެށުނީއްސުރެ ނަޞްރު ލިބުމާ ހަމައަށް ހިނގައިދިޔަ ކަންކަން ވަގުތު ފީތާއެއްގެ ގޮތުގައި ފެންނާނެހެން ފޮޓޯތަކާއި، ކުރެހުންތަކާއި، އަޑާއި މަންޒަރު އަދި ލިޔުންތައް މައުރަޒުގައި ވަނީ ހިމަނާފައެވެ.
ހުޅުވުމުގެ ރަސްމިއްޔާތުގައި، ސިފައިން އަހަރަކު ދެ ފަހަރު ނެރެމުން އަންނަ "އައްޑަނަ" މަޖައްލާގެ 40 ވަނަ ޢަދަދު ވެސް ވަނީ ނެރެދެއްވާފައެވެ.
މައުރަޒު ކުރިއަށްދާނީ ނޮވެންބަރު 13 އިން 14 ގެ ނިޔަލަށެވެ. ކޮންމެ ދުވަހަކު ހަވީރު 16:00 އިން 18:00 އަށާއި ރޭގަނޑު 20:00 އިން 22:00 އަށް އާންމުންނަށް މައުރަޒަށް ޒިޔާރަތްކުރެވޭނެއެވެ.
ނަޞްރުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ނޮވެންބަރު 14 ގެ ހެނދުނު 10:00 އިން 12:00 އަށް ދިއްދޫ ބަނދަރުގައި އޮންނަ އެމްއެންޑީއެފްގެ ކޯސްޓްގާޑް ލޮނޑިޔާ "ނޫރައްދީން" އަށް ޒިޔާރަތްކުރުމުގެ ފުރުޞަތު އާންމުންނަށް ލިބޭނެއެވެ. އަދި އެ ދުވަހުގެ ހަވީރު 16:00 ގައި ދިއްދޫ އިސްލާމީ މަރުކަޒު ސަރަޙައްދުގައި އެމްއެންޑީއެފްގެ މިލިޓަރީ ޑިސްޕްލޭއަކާއި ޢާއިލީ ހަވީރެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ދިއްދޫގެ މައުރަޒަށްފަހު، މި މަހުގެ 20 އަދި 21 ގައި މި މައުރަޒު ހއ. ބާރަށުގައި ވެސް ބާއްވާނެއެވެ. ބާރަށަކީ ނޮވެންބަރު 3 ގެ ޢުދުވާނުގައި ޝަހީދުވި ޝަހީދު އަލްމަރްޙޫމް އިބްރާހީމް ޙުސައިން ނިސްބަތްވާ ރަށެވެ.





