ޕޯޗުގަލްގެ ކެޕްޓަން އަދި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޯ، މިހާރު ކުރިއަށްދާ 2026 ގެ ވޯލްޑް ކަޕަކީ އޭނާގެ ކެރިއަރުގައި ކުޅޭނެ ފަހު ވޯލްޑް ކަޕް މުބާރާތް ކަމަށް ބުނެފިއެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނީ، މިއީ އޭނާގެ ފަހު ވޯލްޑް ކަޕްކަން ޔަގީންވާ ކަމަށާއި، ނަމަވެސް އެކަމާ ދެރަނުވާ ކަމަށެވެ. ފުޓްބޯޅައިގައި އޭނާއަށް ހާސިލުކުރެވުނު ކާމިޔާބީތަކާމެދު ފަޚުރުވެރިވާ ކަމަށާއި، މިހާރު އެންމެ ބޮޑު އަމާޒަކީ ޕޯޗުގަލްއަށް މި މުބާރާތުގައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދައިދިނުން ކަމަށްވެސް އޭނާ ބުންޏެވެ.
މިއީ ރޮނާލްޑޯގެ ކެރިއަރުގައި ވާދަކުރާ ހަވަނަ ވޯލްޑް ކަޕް މުބާރާތެވެ. އޭނާއަކީ ޖެހިޖެހިގެން ފަސް ވޯލްޑް ކަޕްގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ރެކޯޑު އޮތް ތަރިއެވެ. ރޮނާލްޑޯ ބުނި ގޮތުގައި ފުޓްބޯޅައިން ވަކިވުމުގެ ވިސްނުމެއް މިހާރު ނެތް ނަމަވެސް، ދެން އަންނަ ވޯލްޑް ކަޕެއްގައި އޭނާ ފެނުމަކީ ވާނެ ކަމެއް ނޫނެވެ. ދުނިޔޭގެ އެކި ކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުން ދަނީ މި މުބާރާތުގައި ރޮނާލްޑޯއަށް ބޮޑު ކާމިޔާބީއަކަށް އެދެމުންނެވެ.



