މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫއުގެ ފުރަތަމަ ފޭސްގެ ދަށުން، ސެގްމެންޓް 4 އަދި 5 ގައި ތާރުއަޅާ އެއްކޮށް ނިންމާލުމާއެކު މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑު އުފާވެރިކަމެއް ވަނީ ލިބިފައެވެ. މަގުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްގޮސް، ނިމުމަކާ ގާތްވެފައިވާއިރު، އާންމު ރައްޔިތުން ތިބީ މި ތަރައްގީ ކުރެވުނު ބޮޑު މަގުގައި ދުއްވާލުމުގެ ފުރުސަތަށް އިންތިޒާރުކުރާށެވެ.
މަގު ބޭނުންކުރާ ގިނަ ބަޔަކު ފާހަގަކުރި ގޮތުގައި، މި މަޝްރޫއުގެ ސަބަބުން މާލޭގެ އުތުރު ފަރާތުގެ ޓްރެފިކް ތޮއްޖެހުމަށް ބޮޑު ހައްލެއް ލިބި، ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ބަދަލެއް އަންނާނެއެވެ. މި މަގުގެ ބޮޑު ބައެއް ބަންދުކޮށްގެން މަސައްކަތް ހިނގަމުންދިޔަ ދުވަސްވަރު، އެ ސަރަހައްދުގެ އޮފީސްތަކުގައި އުޅޭ މުވައްޒަފުންނާއި، ވިޔަފާރިވެރިންނަށް ގިނަގުނަ ދަތިތަކަކާ ކުރިމަތިލާންޖެހުނެވެ. ޚާއްޞަކޮށް ވެހިކަލްތައް ޕާކުކުރާނެ ޖާގައެއް ނުލިބުމާއި، ދުއްވާ އެއްޗެއްސަށް މަގު ބަންދުވުމުގެ ސަބަބުން ގަޑިއަށް އޮފީހަށް ހާޒިރުވުމަކީ ކޮންމެ ދުވަހަކު ކުރަންޖެހުނު ބޮޑު ހަނގުރާމައެކެވެ.
މަގު ކޮނުމާއި، މެޝިނަރީތަކުގެ އަޑުގެ ސަބަބުން ކައިރި އިމާރާތްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އުނދަގޫތަކެއް ވީނަމަވެސް، މިހާރު މަގުގެ ބޮޑުބައި ނިމި، ތާރުއަޅާ ނިމުމުން އެ ސަރަހައްދުގެ އޮފީސް މުވައްޒަފުންނަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ. އެފަރާތްތަކުން ބުނާގޮތުގައި، ދެން އެއްވެސް ހާސްކަމެއް ނެތި، ފަސޭހަކަމާއި އަދި އަރާމުކަމާއެކު ގަޑިއަށް އޮފީހަށް ދެވޭނެ މަގު މިވަނީ ތަނަވަސްވެފައެވެ.

ކުރިން ފެނުނު ބޮޑުތަކުރުފާނު މަގާއި މިހާރު ފެންނަ މަގު ހާސްބައި ތަފާތެވެ. ވިއްސާރަ ދުވަސްތަކުގައި ފެންބޮޑުވެ، ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗެއްސަށް ބޮޑު ތަކުލީފަކަށް މި މަގު އޮތީ ވެފައެވެ. އަޑިގުޑަންތަކާއި ކޮޅުންނުލާ ވަޅުގަނޑުތަކާއެކު އޭރު މި މަގުގައި ދަތުރުކުރުމަކީ ބޮޑު ވޭނެކެވެ. ނަމަވެސް، މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމާއެކު މުޅި ސަރަހައްދުގެ ސިފަ މިއަދު މިވަނީ ބަދަލުވެފައެވެ. ދަތުރުފަތުރުގެ އޮމާންކަމާއި ރީތިކަން ފެނި، ހިތްތަކަށް ލިބެނީ ބުނެދޭން ނޭނގޭ ފަދަ ހިތްހަމަޖެހުމެކެވެ. މަގު ބޭނުންކުރާ ގިނަ ޑްރައިވަރުން ފާހަގަކުރި ގޮތުގައި ކުރިން މި މަގުން ދާއިރު އުޅަނދުތަކަށް ލިބޭ ގެއްލުން ބޮޑެވެ. އެކަމަކު މިހާރު މަގު ހެދިފައި އޮތް ސާފުތާހިރުކަމުން ދަތުރު ކުރަން ކުރާ ހިތްވެއެވެ.
މީގެ އިތުރުން، އާންމުންގެ އެންމެ ބޮޑު ތައުރީފެއް މި މަޝްރޫއުގައި އަމާޒުވީ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީއަށެވެ. ގިނަ ބަޔަކު ގަބޫލުކުރި ގޮތުގައި، ކުރިން ހީކުރި ވަރަށްވުރެ މާ އަވަހަށް އެމްޓީސީސީން މި މަޝްރޫއުގެ ބޮޑުބައި ނިންމާލައިފިއެވެ. ހަލުވިކަމާއެކު، ރޭދުވާލު ބުރަކޮށް މަސައްކަތްކޮށްގެން އެމްޓީސީސީގެ މުވަޒަފުން މި ގެނައި ކުރިއެރުމަކީ، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެ ކުންފުނިން ކުރި ނަމޫނާ މަސައްކަތެއްގެ ގޮތުގައި އާންމުން ދަނީ ޝުކުރުވެރިކަމާއެކު ފާހަގަކުރަމުންނެވެ.
މި މަޝްރޫއަކީ ހަމައެކަނި މަގުގައި ތާރުއެޅުން އެކަނި ނޫންކަމާއި، މަގުން ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ޒަމާނީ ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، މަގުބައްތިތައް އިތުރުކުރުމާއި، ހިނގާ މީހުންނަށް ފަސޭހަވާނެހެން ދުވާރު ހެދުންވެސް ހިމެނޭ މަޝްރޫއެއްކަން ފާހަގަކުރެވެއެވެ. މަގުގެ ބާކީ ހުރި މަސައްކަތްތައް ނިމި، މުޅި މަގު އެއްކޮށް ހުޅުވާލުމުން މާލޭގެ އުތުރު ފަރާތުގެ މަލަމަތި މުޅިން ބަދަލުވެ، ވިޔަފާރިތަކަށާއި ދަތުރުވެރިންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް އާންމުން އުއްމީދު ކުރެއެވެ.

ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް އޮންނަ ސަރަޙައްދުގައި (ސެގްމެންޓު 4 އަދި 5) ތާރުއަޅައި ވަނީ ނިންމާލާފައެވެ. ޚާރިޖީ ވުޒާރާއިން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮންނަ ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ހަފުތާގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީން ވިދާޅުވި ގޮތުގައި މަގު އާންމުކޮށް ހުޅުވާލުމަށް ނިންމާފައިވަނީ ވަކިވަކި ސެގްމެންޓްތަކެއްގެ ގޮތުގައެއް ނޫނެވެ. މުޅި ސަރަޙައްދުގައި އެއްކޮށް ތާރު އަޅާ ނިންމުމަށްފަހުގައެވެ.
މީގެކުރިން ޢިއްޒުއްދީން މަގުން ފެށިގެން ހެންވޭރު ޓަރމިނަލްއާ ހަމައަށް ތާރުއަޅާފައިވާއިރު، މިހާރު ކުރިއަށްދާ މަސައްކަތްތަކާއެކު ހެންވޭރު ޓަމިނަލުން ފެށިގެން މާލޭ ނޯތު ހާބަރާ ހަމައަށް މަގު ތަރައްޤީކޮށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް މިއަހަރުގެ ޖޫން މަހަށް ނިންމުމަށް ކުރިން ރޭވިނަމަވެސް، ދިމާވި އެކި ސަބަބުތަކާ ހުރެ މުޅި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން މިހާރު އަންދާޒާކުރަނީ މި މަހުގެ 26 ވަނަ ދުވަހަށެވެ.



