އިސްލާހީ އޮނިގަނޑާއެކު ދައުލަތުގެ ހިންގުން ފަރިވެ ފޮޅޭނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތަށް ދެ އަހަރު ފުރި، ދައުރުގެ މެދުތެރެއަށް ދަތުރުކުރަމުންދާއިރު، ސަރުކާރުގެ އޮނިގަނޑަށް ގެންނަން ފަށާފައިވާ ބަދަލުތަކަކީ ދައުލަތުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ވެވަޑައިގަންނަވާފައިވާ ވައުދުތައް ފުއްދުމަށް އެޅުނު ހަރުދަނާ ފިޔަވަޅުތަކެކެވެ. ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް "ދައުރު" ނޫހުގެ ޕޮޑްކާސްޓް، އެއްބަސްވެ ދެބަސްވަމާ އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ފާހަގަކުރެއްވީ، ދައުރުގެ މެދުތެރެއަކީ ހިންގުމުގެ އޮނިގަނޑުގައި ހުރި މައްސަލަތައް ދެނެގަނެ، އެކަންކަން އިސްލާހުކުރުމަށް އެންމެ އެކަށީގެންވާ ވަގުތެވެ.

އެއީ ވަރަށް ވެސް ބޮޑު ތެދުފުޅެކެވެ.

އިންތިހާބުގެ ނަތީޖާއާއި ސިޔާސީ ހަގީގަތް

ދާދިފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއަކީ ސަރުކާރަށް ލިބުނު ފިލާވަޅެކެވެ. ސިޓީތަކުން ބޭނުންވި ފަދަ ނަތީޖާއެއް ނުލިބުނު ނަމަވެސް، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ވެރިކަންކުރާ ޕީއެންސީއަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ. ސަރުކާރުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، ކައުންސިލް އިންތިހާބަކީ ގިނަ ފަހަރަށް އާއިލީ ގުޅުންތަކާއި، ކެންޑިޑޭޓުގެ އަމިއްލަ ގާބިލްކަމަށް ބަލައި ރައްޔިތުން ވޯޓުދޭ އިންތިހާބެކެވެ. އެހެންކަމުން، މިއީ ހަމައެކަނި ސަރުކާރުގެ މަގުބޫލުކަން ވަޒަންކުރާ މިންގަނޑެއް ނޫނެވެ. ނަމަވެސް، ރައްޔިތުންގެ މެސެޖު ސަރުކާރުން ވަނީ ނަގާފައެވެ.

އޮނިގަނޑަށް ގެނެވޭ ހެޔޮ ބަދަލުތައް

ސަރުކާރުން މިހާރު ވަނީ ވުޒާރާތަކުގެ އަދަދު 20 އިން 15 އަށް މަދުކޮށް، ހިންގުމުގެ ހަރަދު ކުޑަކުރުމަށް އަމާޒު ހިފާފައެވެ. މިއީ ސިޔާސީ ގޮތުން ނިންމަން އުނދަގޫ، ނަމަވެސް ގައުމުގެ މާލީ ހާލަތަށް ބަލާއިރު ނިންމަން މަޖުބޫރު ނިންމެވުމެކެވެ.

ސަރުކާރުން އިސްލާހުކުރާ މައިގަނޑު ދާއިރާތައް:

  • ވުޒާރާތައް އެއްކޮށްލުން: މަސައްކަތުގެ ފުށުއެރުންތައް ނައްތާލައި، އެއް މަގުސަދެއްގައި މަސައްކަތްކުރާ ދާއިރާތައް އެއް ފުރާޅެއްގެ ދަށަށް ގެނައުން.

  • ސިޔާސީ މަގާމުތައް މުރާޖާކުރުން: ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުމުގައި ތައުލީމާއި ތަޖުރިބާގެ އިތުރުން "ޕާފޯމަންސް" ނުވަތަ ނަތީޖާ ނެރޭ މިންވަރަށް ބަލަން ފެށުން.

  • ހަރަދު ކުޑަކުރުން: ބޭކާރު އިސްރާފުތައް ހުއްޓުވައި، ދައުލަތުގެ ބަޖެޓުން ކުރާ ހަރަދުތައް ސީދާ ރައްޔިތުންނަށް ފައިދާވާނެ ކަންކަމަށް އަމާޒުކުރުން.

ވައުދުތައް ފުއްދުމުގެ އާ މަރުހަލާ

ކޮންމެ ސަރުކާރަކަށް ވެސް ދައުރުގެ ކުރީކޮޅު ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރައްޔިތުންގެ އުންމީދުތަކާއި ހަގީގީ މާލީ ހާލަތާ ދިމާނުވުމެވެ. އިދިކޮޅުގައި ތިބެ ވައުދުވާއިރު، ދައުލަތުގެ ހަގީގީ މާލީ ހާލަތު އޮންނަނީ ސާފުނުވެއެވެ. ނަމަވެސް، މި ސަރުކާރުން މިހާރު ވަނީ ހަގީގަތްތަކާ ކުރިމަތިލައި، ވައުދުތައް ފުއްދުމުގެ އާ ޓައިމްލައިނެއް އެކުލަވާލާފައެވެ.

މަސްވެރިކަމުގެ ދާއިރާއަށް ބަލާއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ އޮތް އޮތުން ނިމުމަކަށް ގެނެސް، މަސްވެރިންނަށް ގަވާއިދުން ފައިސާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މިއީ ސީދާ ރައްޔިތުންގެ ޖީބަށް އޭގެ ފައިދާ ކުރާނެ ކަންކަމެވެ.

ގާބިލްކަމަށް އިސްކަންދިނުން

ކެބިނެޓަށް ގެނެވުނު ބަދަލުތަކަކީ މީހުންނަށްވުރެ ބޮޑަށް މަސައްކަތުގެ އޮނިގަނޑަށް ބިނާކޮށް ގެނެވުނު ބަދަލުތަކެކެވެ. މިސާލަކަށް، އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ޓްރާންސްޕޯޓްގެ ބައިތައް ގެނައުމަކީ އިގުތިސޯދީ ހަރަކާތްތަކާއި ދަތުރުފަތުރުގެ ނިޒާމު ގުޅުވާލުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ހަމައެހެންމެ، ވަޒީރުންގެ ފެންވަރު ވަޒަންކުރުމުގައި އެ ބޭފުޅުންގެ ދާއިރާއިން ނެރޭ ނަތީޖާއަށް ރައީސް ވަރަށް ބޮޑަށް ބައްލަވާނެއެވެ.

ސަރުކާރަށް ދައުރުގެ މެދުތެރެއިން މި އެރި "ގުޑުމަކީ" ހަގީގަތުގައި އިސްލާހީ މަސައްކަތްތަކަށް ލިބުނު ބާރެކެވެ. ރައީސް ޑރ. މުއިއްޒަކީ އުނދަގޫ ނިންމެވުންތައް ނިންމަވަން ފަސްޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަން މިހާރު މި ފެންނަ ބަދަލުތަކުން ސާފުވެއެވެ. 2028 ވަނަ އަހަރާ ހަމައަށް ދާއިރު، މިހާރު މި ފެށުނު އިސްލާހީ ބަދަލުތަކުގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބި، ސަރުކާރުގެ ހިންގުން ކުރިއަށްވުރެ އެތައް ގުނައެއް ހަރުދަނާވެގެންދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ސަރުކާރުގެ އަމާޒަކީ "ދިވެހީންގެ ރާއްޖެ" ބިނާކުރުމުގައި ރައްޔިތުންގެ އަޑުއަހައިގެން، ގައުމަށް އެންމެ ފައިދާހުރި މަގުން ދަތުރުކުރުމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް