ފުށިދިއްގަރުފަޅުގައި ސަރުކާރުން ހިންގަން ރާވާފައިވާ ރެޒިޑެންސީ މަޝްރޫޢާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ވަނަ ދުވަހު މަގުމައްޗަށް ނުކުމެ މުޒާހަރާކުރަން އެމްޑީޕީން ނިންމާފައިވާ ކަމަށް އެ ޕާޓީގެ ޗެއާޕަރސަން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މި މަޝްރޫޢާ މެދު އެންމެ ބޮޑު ކަންބޮޑުވުމަކީ މަޝްރޫޢާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ނުލިބި، ކަންކަން ދެފުށް ނުފެންނަ ގޮތަށް ހިނގަމުންދިއުމެވެ.
ފެންނަ ނުފެންނަ ވޯޓެއް ނުނަގައި ސަރުކާރުން މި މަޝްރޫޢު ކުރިއަށް ގެންދިއުމަކީ ރާއްޖެއަށް ވަރަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ 5 ވަނަ ކޮންގްރެސްގައި ވެސް ބޮޑެތި ކަންކަން ހިންގުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ސިޔާސަތު ފާސްކޮށްފައިވާ ކަމަށާއި، ވެރިންނަށް ފެންނަ ތަސައްވުރުތަކަށް ރައްޔިތުންގެ ރުހުމާއި ތާއީދު ނެތް ނަމަ އެ ކަންކަން ނާކާމިޔާބުވާނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.





