100،000 މެންބަރުން ހަމަވި ފުރަތަމަ ސިޔާސީ ޕާޓީއަކަށް ޕީއެންސީ ވެއްޖެ

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެންބަރުންގެ އަދަދު 100،000 އަށް އަރައި، ރާއްޖޭގެ ތާރީޚުގައި އެއް ލައްކަ މެންބަރުން ހަމަވި ފުރަތަމަ ސިޔާސީ ޕާޓީއަކަށް އެ ޕާޓީ ވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ދައްކާ ގޮތުގައި، މިރޭ 22:37 އާ ހަމައަށް ޕީއެންސީގައި ތިބީ 100،083 މެންބަރުންނެވެ.

މިހާރު ރާއްޖޭގައި ހުރި ސިޔާސީ ޕާޓީތަކާއި، މިހާތަނަށް އުފެދުނު ސިޔާސީ ޕާޓީތަކުގެ ތެރެއިން 100،000 މެންބަރުން ހަމަވި ފުރަތަމަ ޕާޓީއަކީ ޕީއެންސީއެވެ.

އީސީގެ ދަފްތަރުން ދައްކާ ގޮތުގައި، މިވަގުތު ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ހަތް ސިޔާސީ ޕާޓީގައި ޖުމްލަ 178،205 މެންބަރުން ތިބިއިރު، ޕީއެންސީއަށް ފަހު އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު އެމްޑީޕީގައެވެ. އެ ޕާޓީގައި ތިބީ 53،747 މެންބަރުންނެވެ.

ޕީއެންސީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވަނީ 31 ޖެނުއަރީ 2019 ގައެވެ.

ޕީއެންސީގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް، މިދިޔަ ސެޕްޓެމްބަރު މަހު ޕާޓީން ވަނީ އެމަނިކުފާނަށް ރިޔާސީ ޓިކެޓު އަރުވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް