ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިމިގްރޭޝަންގެ އައު ބިލަކީ ހަމައެކަނި ވަކި ޤައުމެއްގެ ބަޔަކު ރާއްޖެ އެތެރެވުން މަނާކުރުމަށް އެކުލަވާލާފައިވާ ބިލެއް ނޫން ކަމަށާއި، އެއީ އިމިގްރޭޝަންގެ މުޅި ނިޒާމު ހަރުދަނާކުރުމުގެ މަޤްޞަދުގައި ހުށަހަޅާފައިވާ ބިލެއް ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.
މި ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަފުޅުދައްކަވަމުން ޝާހިދު ވިދާޅުވީ، ބައެއް މެންބަރުން މި ބިލު ގުޅުވައިގެން ވާހަކަދައްކަވާފައިވަނީ އިސްރާއީލުގެ ރައްޔިތުން ރާއްޖެ ވެއްދުން ހުއްޓުވުމަށް ނަމަވެސް، މި ބިލުގައި މި ދައްކަނީ ވަކި ޤައުމެއްގެ ބަޔަކު ހިފަހައްޓައި، ހައްޔަރުކޮށް ޑީޕޯޓްކުރުމުގެ ވާހަކައެއް ނޫން ކަމަށެވެ.
"މިއަދުގެ ޒަމާނީ ދުނިޔޭގައި ކުރިމަތިވާ ތަފާތު ގޮންޖެހުންތަކުން މުޅި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ، ރާއްޖޭގެ މައި ދޮރޯށިން އެތެރެވާ ފަރާތްތަކަކީ ކޮން ބައެއްކަން ކަށަވަރުކޮށް ދެނެގަތުން،" ޝާހިދު ވިދާޅުވިއެވެ.
ރާއްޖެއަކީ ބައިނަލްއަގްވާމީ ފަތުރުވެރިކަމަށް ހުޅުވާލެވިފައިވާ ޖަޒީރާ ޤައުމަކަށް ވާތީ، ބޯޑަރުގެ ރައްކާތެރިކަން ދެމެހެއްޓުމަކީ ޤައުމީ ސަލާމަތާ ސީދާ ގުޅިފައިވާ ކަމެއް ކަމަށާއި، ބައިނަލްއަގްވާމީ ކުށްވެރިންނާއި ޓެރަރިޒަމާއި، އިންސާނީ ވަގުފާރި އަދި މަސްތުވާތަކެތީގެ ނުރައްކާތަކުން ދިވެހި މުޖުތަމައު ރައްކާތެރިކުރުމަށް ވަރުގަދަ ޤާނޫނީ އޮނިގަނޑެއް ބޭނުންވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ބިލު ފާސްވެ ޤާނޫނަކަށް ވުމުން، ބޯޑަރު ބެލެހެއްޓުމުގެ ގާބިލުކަން އިތުރުވެ، ރާއްޖެއަށް އެތެރެވާ އަދި ބޭރުވާ ހުރިހާ ފަރާތެއް މޮނިޓަރކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށާއި، އިމިގްރޭޝަން އޮފިސަރުންގެ މަސްއޫލިއްޔަތާއި ބާރުތައް ސާފުކޮށް ކަނޑައެޅިގެންދާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
އޭގެ ސަބަބުން އިމިގްރޭޝަނަށް ސިޔާސީ ނުފޫޒުތަކުން އެއްކިބާވެ، ޕްރޮފެޝަނަލް މުއައްސަސާއެއްގެ ގޮތުގައި ޚިދުމަތްދީ، ކޮރަޕްޝަނަށް އޮތް ދޮރުތައް ބަންދުކުރުމަށް ބާރު ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.





