ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކުގެ ޖުމްލަ އަދަދު 79،991 އަށް އަރައިފައިވާ ކަމަށާއި، މިދިޔަ އަހަރަކީ އަހަރެއްގެ ތެރޭގައި އެންމެ ގިނަ ވިޔަފާރިތައް ރަޖިސްޓްރީކުރެވުނު އަހަރު ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ބުނެފިއެވެ.
އެ މިނިސްޓްރީން އާންމުކުރި މަޢުލޫމާތުގައިވާ ގޮތުން، 79،991 އަކީ މި އަހަރުގެ އޮގަސްޓު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ އަދަދެވެ. 2025 ވަނަ އަހަރު އެކަނިވެސް 8،476 އާ ވިޔަފާރި ވަނީ ރަޖިސްޓްރީކޮށްފައެވެ.
ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ ތެރެއިން އެންމެ ގިނައީ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކެވެ. އެ ބާވަތުގެ 44،285 ވިޔަފާރި ރަޖިސްޓްރީކޮށްފައިވާއިރު، 33،118 ކުންފުނި ރަޖިސްޓްރީކޮށްފައިވެއެވެ. އަދި 2،451 ޕާޓްނާޝިޕާއި 137 ކޯޕަރޭޓިވް ސޮސައިޓީ ވެސް ރަޖިސްޓްރީކޮށްފައިވާ ކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ވިޔަފާރިވެރިންނަށް ފަހި މާޙައުލެއް ޤާއިމުކޮށްދީ، އަމިއްލަ ވިޔަފާރިތަކުގެ ދާއިރާ ފުޅާކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.





