ކ. ހުރާގެ ކުޅީގައި ނޭޗާ ޕާކެއް ގާއިމުކުރުމަށް ބީލަމަށް ހުޅުވާލައިފި

ކ. ހުރާގެ ކުޅީގައި ނޭޗާ ޕާކެއް ގާއިމުކުރުމަށް ނިންމައި، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުރާ ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ.

ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުގައި، މި ނޭޗާ ޕާކު ގާއިމުކުރަން ނިންމާފައިވަނީ ރަށުގެ ގުދުރަތީ ރީތިކަން ދަމަހައްޓައި، ތިމާވެށްޓާ ރައްޓެހި ފަތުރުވެރިކަމާއި އިގްތިސާދީ ފުރުސަތުތައް ފަހިކުރުމުގެ މަގްސަދުގައެވެ.

މި މަޝްރޫއު ކުރިއަށް ގެންދާނީ އަމިއްލަ ތަކެތީގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާޒީ ހިސާބު ހުށަހަޅަންވާނީ، އިއުލާނާއެކު އާންމުކޮށްފައިވާ މައުލޫމާތު ޝީޓާ އެއްގޮތަށް ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބީލަން ހުށަހެޅުން އޮންނާނީ މި މަހުގެ 30 ވާ ހޯމަ ދުވަހުގެ މެންދުރު ކައުންސިލްގެ އިދާރާގައެވެ.

މި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކަށް، ކައުންސިލްގެ އީމެއިލް މެދުވެރިކޮށް ނުވަތަ 6640074 އަށް ގުޅައިގެން މައުލޫމާތު ހޯއްދެވޭނެ ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް