ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ޒިޔާރަތްކުރެވޭނެ ގޮތަށް، ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ (ސީސީބީ)ގެ ދެ ލައުންޖު މާލެއާއި ހުޅުމާލޭ ފޭސް 1 ގައި ހުޅުވައިފިއެވެ.
ސީސީބީގެ މާލޭ ލައުންޖު ހުންނަނީ ހުޅުމާލެ ފެރީ ޓާމިނަލްގައެވެ. ހުޅުމާލޭ ފޭސް 1 ގެ ލައުންޖު ހުންނަނީ އުމަރު ޒާހިރު ބިލްޑިންގްގެ ތިރީ ފަންގިފިލާގައެވެ.
މި ދެ ލައުންޖުގެ ޚިދުމަތް ލިބޭނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު 09:00 އިން 15:00 އަށެވެ. އަދި ކައިރި މުސްތަގުބަލެއްގައި ހުޅުމާލޭ ފޭސް 2 ގައިވެސް ސީސީބީގެ ލައުންޖެއް ހުޅުވޭނެއެވެ.
މި ލައުންޖުތައް ހުޅުވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް އުފެއްދެވި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ދަށުންނެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށް 24 ގަޑިއިރު ޚިދުމަތްދޭ މި އޮފީސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމުކުރެއްވީ މި އަހަރުގެ އެޕްރީލް 16 ގައެވެ.
ސީސީބީގެ ދަށުން ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް "ސިޓިޒަންސް ވޮއިސް" ގެ ނަމުގައި ވެބް ޕޯޓަލެއް ވަނީ އިފްތިތާހުކޮށްފައެވެ. އަދި 24 ގަޑިއިރު ޚިދުމަތްދޭ ކޯލް ސެންޓަރެއްވެސް ވަނީ ގާއިމުކޮށްފައިވާއިރު، އެ ޚިދުމަތް ލިބޭނީ ހޮޓްލައިން ނަންބަރު 1470 މެދުވެރިކޮށެވެ.





