ޢަލީ ސަމީރު ސުޕްރީމް ކޯޓަށް ޢައްޔަންކުރަން ރައީސް ފޮނުއްވި ސިޓީ މަޖިލީހުގައި އިއްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ރިޓަޔާކުރައްވާތީ ހުސްވާ މަގާމަށް، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަލީ ސަމީރު ޢައްޔަންކުރުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވި ސިޓީ، މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއްވައިފިއެވެ.

ސިޓީ އިއްވުމާއެކު، ސަމީރުގެ ނަން ދިރާސާކުރުމަށް ރިޔާސަތުން ވަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

ހުސްވާ މަގާމަށް ސަމީރު ޢައްޔަންކުރަން ފެންނަ ކަމަށް ރައީސަށް ލަފާ އަރުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ އިއްޔެއެވެ. ރައީސް ނަން ފޮނުއްވާފައިވަނީ އެ ލަފާއާ އެއްގޮތަށެވެ.

ޢަލީ ރަޝީދު ރިޓަޔާކުރައްވަނީ އަންނަ މަހުއެވެ. އެ މަގާމަށް ޝައުޤުވެރިކަން ފާޅުކުރައްވައި ކުރިމަތިލެއްވީ ސަމީރާއި ހައި ކޯޓުގެ ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ޢައްޔަންކުރެވޭނީ، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަމަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުންނެވެ.

2011 ވަނަ އަހަރުން 2022 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ސަމީރު، އޭގެ ކުރިން މަދަނީ ކޯޓުގެ އިސްޤާޟީކަން ވެސް ކުރައްވާފައިވެއެވެ. ހައި ކޯޓުން ވަކިވެވަޑައިގަތުމަށްފަހު ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ފުރުއްވި ސަމީރު، މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ އަމިއްލަ ލޯ ފާމެއްގައެވެ.

މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ޝަރީޢާ އެންޑް ލޯ އިން ބެޗްލާސް ޑިގްރީ ޙާޞިލްކުރައްވާފައިވާ ސަމީރު، މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ކޮމްޕެރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ވެސް ފުރިހަމަކުރައްވާފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް