ކުލި ނުދައްކާތީ ހުޅުމާލޭގެ ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރަންޓް ހިންގާ ބިމުގެ އެއްބަސްވުން ބާތިލުކޮށް، އެތަން ހުސްކުރުމަށް އެޗްޑީސީން ނިންމި ނިންމުން މަޑުޖައްސާލަން ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު، އެ ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.
ރުއްގަނޑު 1 ސަރަހައްދުގައި ހުންނަ ރިވެލި ރެސްޓޯރަންޓްގެ ބިމާ ގުޅޭގޮތުން ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައިވާ ވިޔަފާރީގެ އެއްބަސްވުން ނިމުމަކަށް ގެނެސް، ބިން އެޗްޑީސީގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަން އެ ކުންފުންޏަށް ސިޓީއަކުން އަންގާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުއެވެ.
އެއަށްފަހު އެޗްޑީސީން އެތަން ހުސްކުރަން ވަނުމުން، ސޮލާރިސްއިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި ވަގުތީ އަމުރަކަށް އެދުނެވެ. ފުރަތަމަ އެދުނު އަމުރު ނެރެދެވެން ނެތް ކަމަށް ކޯޓުން ނިންމި ނަމަވެސް، ފަހުން އެޗްޑީސީގެ ޣައިރު ހާޒިރުގައި ކޯޓުން ވަނީ ރެސްޓޯރަންޓްގެ ހިންގުން ހުއްޓޭނެ އެއްވެސް ކަމެއް ނުކުރުމަށް އަމުރުކޮށްފައެވެ.
އެ އަމުރު މުރާޖަޢާކޮށްދިނުމަށް އެޗްޑީސީން އެދުމުން، ކޯޓުން މިއަދު ނިންމި ނިންމުމުގައި ފާހަގަކޮށްފައިވަނީ، ދައުވާ ލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ނެރުނު އަމުރު ދެމިއޮތުމުން، އެޗްޑީސީއަށް ހައްގު ނޫން ބުރައެއް އުފުލަން ޖެހޭ ކަމަށެވެ.
އަދި އެއްބަސްވުމާ ހިލާފަށް ނޯޓިސް ދީފައިވާކަން ޝަރީޢަތަށް ސާބިތުވެއްޖެ ނަމަ، ސޮލާރިސްއަށް ލިބޭ ގެއްލުމަށް މާލީ ގޮތުން ބަދަލު ހޯދޭނެ ފުރިހަމަ އިންތިޒާމެއް އޮތް ކަމަށާއި، ފުރަތަމަ އަމުރު ނުދޭން ނިންމި ފަހުން ހާލަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް ވެސް ކޯޓުން ފާހަގަކޮށްފައިވެއެވެ. ފުރަތަމަ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނަމަވެސް، އެ މައްސަލައިގައި އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ވެސް ކޯޓުން ބުނެފައިވެއެވެ.
އެޗްޑީސީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، ރިވެލި ރެސްޓޯރަންޓް ހިންގާ ކުންފުނިން ކުލީގެ ގޮތުގައި ފަސް މިލިއަނެއްހާ ރުފިޔާ އެޗްޑީސީއަށް ދައްކަންޖެހެއެވެ. އަދި އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ އިޖުތިމާޢީ ޒިންމާގެ އެއްވެސް ކަމެއް ވެސް އެ ކުންފުނިން ކޮށްފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.





