އެމްޑީޕީގެ މީހުންގެ ކިބައިގައި ހުންނަނީ ޔަހޫދީންގެ ވިސްނުން ކަމަށާއި، އެ ޕާޓީގެ ފިކުރު އުފެދިގެން އައީ އިސްރާއީލު މީހުންގެ އެހީތެރިކަމާއެކު ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މި ވާހަކަ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އައު އިމިގްރޭޝަން ބިލަށް ބަހުސްކުރައްވަމުންނެވެ.
"ހަގީގަތުގައި އެމްޑީޕީގެ ފިކުރު އުފެދިގެން އައީ އިސްރާއީލު މީހުންގެ އެހީތެރިކަމާއެކު،" ޝުޖާއު ވިދާޅުވިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް މީގެ ކުރިން ހުށަހެޅުއްވި، އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމުގެ ބިލަކީ ސިޔާސީ މަގުސަދެއްގައި ހީލަތްތެރި ގޮތަކަށް ހުށަހެޅި ބިލެއް ކަމަށާއި، އެމްޑީޕީގެ އިހްލާސްތެރި ނިޔަތެއް އޮތްނަމަ، އެހެން ގައުމުތަކުގެ ޕާސްޕޯޓު ބޭނުންކޮށްގެން ވެސް އިސްރާއީލު މީހުން ރާއްޖެ ނުވަދެވޭނެ ގޮތަށް އެ ބިލު ފަރުމާކުރީސް ކަމަށް އޭނާ ވިދާޅުވިއެވެ.
ގައުމީ މުހިންމު ކަންކަމުގައި އެމްޑީޕީގެ އިހްލާސްތެރިކަމެއް ނެތް ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.





