ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 56 ބޭފުޅަކަށާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ޚާއްޞަ އިނާމު 57 ބޭފުޅަކަށް ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި، މި ޖަލްސާ ބާއްވާނީ މާދަމާ ރޭ 20:30 ގައި ޒުވާނުންގެ މަރުކަޒުގެ މާލަމުގައެވެ.
ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ޝަރަފުގެ ބެޖަކާއި އައްޑަނައަކާއި ހަނދާނީ ލިޔުމެއް ދެއްވާއިރު، ޚާއްޞަ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ދެއްވާނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.
ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ބޭފުޅުން ކަނޑައަޅުއްވާފައިވަނީ ޤައުމީ އިނާމާ ބެހޭ ކޮމިޓީންނެވެ. ޚާއްޞަ އިނާމަށް ބޭފުޅުން ހޮއްވަވާފައިވަނީ ޚާއްޞަ އިނާމާ ބެހޭ ކޮމިޓީންނެވެ.
ޚާއްޞަ އިނާމު ލިބިވަޑައިގަންނަވާ 57 ބޭފުޅުންގެ ތެރޭގައި ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރެއްވުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި 6 ބޭފުޅަކާއި، ލެވެލް 7، 8 ނުވަތަ 9 ގެ ސަނަދެއް ހާސިލުކުރެއްވުމުގައި އެންމެ މަތީ ވަނަ ހޯއްދެވި 50 ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން، ބައިނަލްއަޤުވާމީ މުބާރާތަކުން ނުވަތަ މައުރަޒަކުން އެންމެ މަތީ ވަނަ ހޯދި އެއް ފަރާތެއް ވެސް މި ލިސްޓުގައި ހިމެނެއެވެ.
މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި، 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތްކުރެއްވި 66 ބޭފުޅަކަށް ވަނީ އިނާމު ދެއްވާފައެވެ.





