ހާރިޖީ ވުޒާރާގެ ޚިދުމަތްތައް ތައާރަފުކޮށްދޭ "އޯޕަން ޑޭ" މާދަމާ ބާއްވަނީ

ހާރިޖީ ވުޒާރާއިން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު އާންމުންނަށް ދިނުމަށާއި، ވުޒާރާގެ މުވައްޒަފުންނާ ސީދާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ބާއްވާ "އޯޕަން ޑޭ" މާދަމާ، 19 ނޮވެންބަރު 2026 ގައި ބާއްވަން ނިންމައިފިއެވެ.

ހާރިޖީ ވުޒާރާއިން ބުނީ، އޯޕަން ޑޭ ކުރިއަށްދާނީ މާދަމާ 15:00 އިން 18:00 އަށް، އެ ވުޒާރާގެ މައި އިދާރާގައި ކަމަށެވެ.

"ޑިޕްލޮމަސީ ވީކް 2026" އާ ގުޅިގެން ބާއްވާ މި ހަރަކާތުގެ ޝިޢާރަކީ "ހާރިޖިއްޔާ ދިވެހިންނާ ގާތަށް" އެވެ. މިއީ ހާރިޖީ ދާއިރާގެ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން، ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން ދޭ އިސްކަން ދައްކުވައިދޭ ހަރަކާތެއް ކަމަށް ވުޒާރާއިން ބުނެއެވެ.

އޯޕަން ޑޭގައި ވިސާއާ ގުޅޭ މަޢުލޫމާތާއި، ކޮންސިއުލަރ ޚިދުމަތްތަކާއި ލިޔެކިޔުންތައް އެޓެސްޓްކުރުމާ ބެހޭ މަޢުލޫމާތު ދޭނެ "ވިސާ ކޯނަރ"، ވިސާއަށް އެދި ހުށަހަޅާނެ ގޮތުގެ އިރުޝާދު ދޭނެ "ވީއެފްއެސް ސާވިސަސް ޑެސްކް"، ވުޒާރާއިން ލިބެންހުރި ވަޒީފާގެ ފުރުޞަތުތަކުގެ މަޢުލޫމާތު ދޭނެ "ޖޮބް ކޯނަރ" އަދި މުވައްޒަފުންނާ ސީދާ ވާހަކަދައްކައި މަޢުލޫމާތު ސާފުކުރެވޭނެ "ކޯލް ސެންޓަރ" ހުންނާނެއެވެ. މީގެ އިތުރުން ވުޒާރާގެ މަސައްކަތްތަކާ މެދު އާންމުން ހޭލުންތެރިކުރުވުމަށް ކުއިޒް އަދި ޓްރިވިއާ ހަރަކާތްތައް ވެސް ކުރިއަށްގެންދާނެއެވެ.

އަދި ރާއްޖެއިން ބޭރުގައި ހުންނަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުން ދިވެހިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި އެހީތެރިކަމާ ގުޅޭ މަޢުލޫމާތު ވެސް އޯޕަން ޑޭއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

ހާރިޖީ ވުޒާރާއިން ވަނީ މި ހަރަކާތަށް ޒިޔާރަތްކުރުމަށް ހުރިހާ ރައްޔިތުންނަށް ދައުވަތު ދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް