ސިންގަޕޫރާއި ދެކުނު ކޮރެއާ ފަދަ ޤައުމުތަކުގެ މިނިވަންކަމާއި އިސްތިޤުލާލަށް ބޭރުގެ ސީދާ އިންވެސްޓްމެންޓުތަކުން އެއްވެސް ނޭދެވޭ އަސަރެއް ކޮށްފައި ނުވާ ކަމަށާއި، އޭގެ ބަދަލުގައި އެ ޤައުމުތަކުގެ އިޤްތިޞާދު ވަރުގަދަވި ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ މިއަދު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ނަޝީދު ވިދާޅުވީ، މާޒީގައި އިސްތިޢުމާރީ ވެރިކަން ދެކެފައިވާ ޤައުމުތަކުގެ ތެރެއިން ތަރައްޤީ ކަށަވަރުކުރެވިފައިވަނީ ބޭރުގެ ސީދާ އިންވެސްޓްމެންޓުތަކަށް މަރުޙަބާ ކީ ޤައުމުތަކަށް ކަމަށެވެ.
ނަމަވެސް އެފަދަ އިންވެސްޓްމެންޓަކީ ހަމައެކަނި ރޯ މެޓީރިއަލް ނެގުމަކަށް ވެގެން ނުފުދޭނެ ކަމަށާއި، އެތަކެތި ޕްރޮސެސްކޮށް އުފެއްދުންތެރިކަމަށް މަގުފަހިވާން ލާޒިމު ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، ބޭރުގެ އިންވެސްޓްމެންޓުތަކުގެ ސަބަބުން ސިންގަޕޫރާއި ދެކުނު ކޮރެއާއަށް އިސްތިޤުލާލު ހިމާޔަތްކުރުމުގެ ފަންވަރު ލިބި، ބައިނަލްއަޤްވާމީ ދަނޑުގައި ޖާގައެއް ކަށަވަރުވެފައިވެއެވެ.
ނަޝީދު މި ވާހަކަފުޅު ދައްކަވާފައި މިވަނީ، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ރަސްމާލޭގައި ހިންގަން ހަމަޖެހިފައިވާ މަޝްރޫޢާ މެދު ސިޔާސީ މައިދާނުގައި ހޫނު ބަހުސްތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ.





