ޕީއެންސީއާއެކު ކޯލިޝަން ހަދައި 2028 ގައި ރައީސް މުއިއްޒަށް ތާއީދުކުރަން އަދާލަތު ޕާޓީން ނިންމައިފި

ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއެކު ކޯލިޝަނެއް ހަދައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެވަނަ ދައުރަކަށް އިންތިޚާބުކުރުމަށް މަސައްކަތްކުރަން އަދާލަތު ޕާޓީން ނިންމައިފިއެވެ.

މި ނިންމުން ނިންމީ ރޭ އޮތް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގައި ފާސްކުރި ގަރާރަކުންނެވެ.

އެ ގަރާރުގައި ބުނެފައިވަނީ، މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރާނެ ކަމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީއާއެކު ކޯލިޝަން މެންބަރެއްގެ ގޮތުގައި ބައިވެރިވެ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުއިއްޒަށް ތާއީދުކޮށް މަސައްކަތްކުރާނެ ކަމަށެވެ.

ސަރުކާރާއެކު މަސައްކަތްކުރުމަށް އަދާލަތު ޕާޓީއަށް ރަސްމީކޮށް ދައުވަތު ދެއްވީ ޕީއެންސީގެ ރައީސް، ރައީސް މުއިއްޒެވެ. އެ ދައުވަތު ދެއްވާފައިވަނީ ދީނީ ކަންކަން ހަރުދަނާކުރުމާއި، ޤައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމާއި، އިގްތިސާދު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ސިޔާސީ ފަރާތްތަކުގެ އެއްބާރުލުމާއި ބައިވެރިވުން ބޭނުންވާކަން ފާހަގަކުރައްވަމުންނެވެ.

ޤައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމާއި ޤައުމީ އެއްބައިވަންތަކަން ބަދަހިކުރުމަށް ގުޅިގެން މަސައްކަތްކުރުމަކީ ޤައުމަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ވެސް ގަރާރުގައި ބުނެފައިވެއެވެ. އިސްލާމްދީނާއި ދިވެހިންގެ ޤައުމިއްޔަތާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އިސްލާމީ ޢަޤީދާއާއި އުޞޫލުތަކަށް ބިނާކޮށް ޤައުމު ތަރައްޤީކުރުމަކީ އަދާލަތު ޕާޓީ އުފެދުނު މަޤްސަދު ކަމަށް ވެސް ގަރާރުގައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް