އަހަރަކު ގާތްގަނޑަކަށް 60 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރާ ދާރުއްސަލާމް ވަގްފް އިމާރާތުގެ ފައުންޑޭޝަންގެ ކޮންކްރީޓް މަސައްކަތް ފަށައިފި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މި އިމާރާތުން ލިބޭ އާމްދަނީގެ 20 އިންސައްތަ މޯލްޑިވްސް ޒަކާތު ހައުސްއަށް ޖަމާކޮށް، 80 އިންސައްތަ ވަގްފު ފަންޑަށް ޖަމާކުރުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
244 މިލިއަން ރުފިޔާއަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ބިންގާ އަޅުއްވާދެއްވީ ނިމުނު އަހަރުގެ ނޮވެމްބަރު މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
ހުޅުމާލޭގެ އަމީން އެވެނިއު ކުރިމަތީގައި ބިނާކުރާ މި އިމާރާތަކީ ޕާކިންގ ސަރަހައްދެއް ހިމެނޭ ގޮތަށް 13 ފަންގިފިލާއަށް އިމާރާތްކުރާ ތަނެކެވެ. އޭގައި ކޮންފަރެންސް ހޯލަކާއި، އޮފީސް ބައިތަކާއި، މީޓިންގ ރޫމްތަކާއި ނަމާދުކުރާ ކޮޓަރިއެއް ހުންނާނެއެވެ.
މި މަޝްރޫޢަކީ ރައީސްގެ ރިޔާސީ ވަޢުދާ އެއްގޮތަށް ރާއްޖޭގައި ވަގްފު ފަންޑު ފުޅާކުރުމަށާއި، އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.





